ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު މެންދުރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޕީއެންސީން މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުންނާއި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

ހޫނު ތަރުހީބެއް ލިބިގެންދިޔަ ”ދޮރުންދޮރަށް“ ހަރަކާތް ފެށީ މަޖީދީ މަގާއި ހުސްނުހީނާމަގު ގުޅޭ ކަންމަތި ( ހަވާއިއާނާސް ފިހާރަ ) ކައިރިންނެވެ.

މި ހަރަކާތުގައި ރައީސް ވަނީ ގަލޮޅު އުތުރުގެ ބައެއް ގެތަކަށް ވަޑައިގެން އެ ގޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައިފައެވެ.

ކައުންސިލް އިންތިހާބުގައި އދ. މާމިގިލި ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ގޮނޑިއަކަށް ޕީއެންސީން ވާދަކުރާއިރު، އިންތިހާބަކާއި ނުލައި އެ ޕާޓީން މިހާރު ވެސް ވަނީ 69 ގޮނޑި ކާމިޔާބު ކޮށްފައެވެ.