ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޝައިހު ރަހްމާން ބިން އަބްދުލްރަހްމާން ބިން ރަހްމާ އަލް ޝަމްސީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި މި މުއްދަތުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ، ހާސިލުކުރެވުނު ކުރިއެރުންތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ރައީސް ވަނީ، ޔޫ.އޭ.އީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހަމައެއާއެކު، ރައީސްގެ މިދައުރުގައި ރާއްޖެއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކާއި ތަރައްގީއަށް ސަފީރު ތައުރީފު ކުރެއްވިއެވެ.

މިބައްދަލުވުން ނިންމަވާލެއްވީ ރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.