ޑިމޮކްރެޓިކް ނިޒާމް އެންމެ ފުރިހަމަޔަށް ހިންގޭނީ ދެ އިންތިހާބު އެއްކޮއްލައިގެން ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރައީސް ޑރ މުހައްމަދު މުއިއްޒު ހިމަނިވަޑައިގަންނަވާހެން  ކުރިއަށް އޮތް އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ”ދޮރުން ދޮރަށް“ ހަރަކާތުގައި ބައިވެރިވެވަޑައިގެން މީޑިއާއި ވާހަކަ ދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ވިދާޅުވެފައިވަނީ ހުރިހާ އިންތިހާބެއް އެއްކޮއްލުމަކީ އެންމެ ފައިދާ ހުރި ގޮތް ކަމަށާއި، އެހެންކަމުން އެބޭފުޅުންގެ އިހުލާސްތެރިކަން މިއަދު ހުރި ގޮތެއް ސާފު ނުވާކަމަށެވެ.

އަދި މިއަދު އެކަމާއި އިދިކޮޅު ހައްދަވަނީ އެއީ ޕީއެންސީ އެއްޗެއް ވިދާޅުވީތީ އެއާ އިދިކޮޅުވާން ވެގެންކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންތިހާބުތައް އެއްކޮށް ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި  ދައުލަތައްވެސް އެންމެ ހަރަދު ކުޑަވާނެ ގޮތްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި  މި ޑިމޮކްރެޓިކް ނިޒާމް އެންމެ ފުރިހަމަޔަށް ހިންގޭނެ ގޮތަކީވެސް އެއީކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ޕީއެންސީން ރައްޔިތުންނަށްޓަކައި ކޮށްދެއްވަން ބޭނުންވާކަމެއް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން އަންނަނީ ރިޔާސީ އިންތިހާބީއާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީގައި ބާއްވަން ފެނޭތޯ ވޯޓު ނެގުމަށް ތައްޔާރުވަމުންނެވެ.

އެގޮތުން އެޕްރީލް 4 ވަނަ ދުވަހުގައި ނަގާ ލޯކަލްކައުންސިލް އިންތިހާބް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާއެކު  ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓުލުން ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.