Ads by Asuru

މާލެ ސިޓީގެ މަގުތައް ކުނިކަހާ ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖެމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު ހަދާފައިވާ އެއްބަސްވުން އައުނުކުރަން ނިންމީ އިތުރު ”ޗޮއިސްއެއް“ ނެތުމުން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ވަހަކަފުޅު ދައްްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މަގުމަތި ކުނިކަހާ ސާފުކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ކަމަށާއި އެކަން އެހެން ކުންފުންޏަކަށް އައުޓްސޯސް ކުރެވޭނެ ކަމަަށް ގާނޫނުގައި ބުނެފައި ނެތް ކަމަށެވެ.ގާނޫނު ބުނާގޮތުން އާންމު ހިދުމަތްތަކާ ބެހޭ ބާބުގެ ދަށުން ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން އެހެން ކުންފުންޏަކާ ހަވާލުކުރެވިދާނެ ކަމަށް ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ގާނޫނުގައި އެހެން އޮތް ނަމަވެސް ކުރިން އޮތީ ވެމްކޯއާއި އެއްބަސްވުން ހަދާފައި ކަމަށާއި ކައުންސިލުން އެއްބަސްވުމަށް ކަމޭހިތަމުން އަންނަކަމަށެވެ. އެގޮތުން ދައްކަންޖެހޭ ފައިސާއެއް ދައްކަމުންދާ ކަމަށާއި އެހެންނަމަވެސް/ވެމްކޯއިން މަގުމަތި ސާފުނުކުރާކަމަށެވެ.

ވެމްކޯ އާއިއެކު ހެދިފައިވާ އެއްބަސްވުމާއި އެއްގޮތަށް ކައުންސިލުން ލާރި ދޭންޖެހޭ، އެކަމަކު މަގުމަތި ސާފެއްނުކުރޭ، އަނެއްކާ އަޅުގަނޑުމެންގެ ޓީމް ނުކުމެ ކޮންމެދުވަހަކު އެބަޖެހޭ އެތަންތަން ސާފުކުރަން. އެއްބަސްވުން އާނުކުރަން ނިންމީ އިތުރު ޗޮއިސް އެއްނެތުމުން.

މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޑިސެމްބަރު 26، 2016 ގައި ނިމިދިޔަ ކައުންސިލުން ސޮއިކުރި އެއްބަސްވުމެކެވެ. އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ހަމަވުމުން އެއްބަސްވުން އާނުކުރަން މިހާރުގެ ކައުންސިލުން ވަނީ ނިންމާފައެވެ.