ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް، ދޫކުރާނީ ރަމްޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަރީފު އެކްސްގައި ކުރި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރޯދަ ހަދިޔާގެ މަސްދަޅުކޭސް، މާލޭ ސަރަހައްދުގައި މިހާރު ދޫކުރަމުންދާ އެމްސީއެލްޕީގެ ޕަބްލިކް ވޯކްސް އަދި ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރައިން ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރާނެ ކަމަށެވެ. އެއީ އަންނަ މާރޗް މަހުގެ 4 ވަނަ ދުވަހެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން 11:00 އަށެވެ.

މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118،773 ގޭބީސީއަކަށެއެވެ.

އޭގެ ތެރެއިން  54000 އަށްވުރެ ގިނަ ގޭބީސީތަކަށް މަސްދަޅު ބަހާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ދޫކުރާތާ މިހާރު މިވީ ތިންވަނަ އަހަރެއެވެ.

ރޯދަ ހަދިޔާއަށް މަސްދަޅު ބެހުމަށް  ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާންކުރެވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސްގެ ވަޢުދާ އެއްގޮތަށް މި ރޯދަ މަހަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ.