މާލޭ ސިޓީ ކައުންސިލުން ކުރާ ހުރިހާ މަސައްކަތެއްހެން ކުރަނީ ކައުންސިލަރުން ކަމަށް އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
ކައުންސިލުން ކުރާ މަސައްކަތްތަކުގައި ކައުންސިލަރުން ބައިވެރިނުވާކަމަށް މޭޔަރު އަހުމަދު އާޒިމް ވިދާޅުވެފައިވާތީ، އެއަށް ރައްދުދެއްވާ ވާހަކަދައްވަމުން އަރީޝް ވިދާޅުވީ، މާލެ ސިޓީން ނިންމާ ހުރިހާ ނިންމުންތަކަކީ ކައުންސިލަރުންގެ މަސައްކަތާއި، އަދި ތާއީދާއިއެކު ނިންނާ ނިންމުންތައް ކަމަށެވެ.
ކައުންސިލަރުން ޒިންމާނުވާ ދެ ޕްރޮޖެކްޓެއް މާލޭގައި ހިނގާ ކަމަށާއި، އެއީ ބާ ޖަމާލުއްދީން ޕާކާއި، މާލެސިޓީން ހަދަމުންދާ އާ އޮފީސް އިމާރާތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތްތައް ކައުންސިލަރުން ނުބައްލަވާތީ އެ މަސައްކަތް ޗައިނާ ބޮޑު ފާރަށް ވިހެން ދިގުދެމިގެންދާ މަންޒަރު ފެންނަ ކަމަށާއި، މަސައްކަތް ކުރިއަށްދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފެއްޓެހި ބްރިޖްގެ މަސައްކަތްދާ އުސޫލުން ކަމަށްވެސް އަރީޝް ވިދާޅުވިއެވެ.
އަދި މާލޭގެ ޕާކްތަކަކީ ކައުންސިލަރުން މަސައްކަތް ކޮށްގެން ފާސްކޮށްފައި ހުރި އެއްޗިހި ކަމަށާއި، ގަލޮޅު ޕާކަކީ ގަޅޮލު ކައުންސިލަރުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މަސައްކަތް ނިމުނުއިރު އެބޭފުޅުންނަށް އޭގެ އެއްވެސް ކްރެޑިޓެއް ލިބިފައިނުވާކަމަށާއި، ހުރިހާ ކްރެޑިޓެއް ނެންގެވީ މޭޔަރު އާޒިމްކަމަށް އަރީޝް ވިދާޅުވިއެވެ.
މާފަންނު މައިޒާނާ، މާފަންނުގައި ހަދާ ބަސް ސްޓޭންޑްތަކަކީ ސީދާ އެބޭފުޅާގެ ބެލުމުގެ ދަށުން އެބޭފުޅާ ކައުންސިލަށް ގެނައި ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި، އަރީޝް އިތުރަށް ވިދާޅުވީ މާލޭގެ ފެން ހިންދުމުގެ މަސައްކަތަކީ މޭޔަރު އާޒިމް ކުރި މަސައްކަތެއް ނޫންކަމަށެވެ.
އެގޮތުން މާފަންނުގައި ފެން ހިންދުމުގެ މަސައްކަތަކީވެސް އެބޭފުޅާ ކައުންސިލަށް ހުށަހެޅި މައްސަލައެއްކަމަށާއި، އެ މަސައްކަތް ކުރަން ފާސްވެގެންދިޔައީ ޕީއެންސީ ކައުންސިލަރުންގެ ފުރިހަމަ ތާއީދާއި އެކުގައި ކަމަށް ޑެޕިއުޓީ މޭޔަރު.އަރީޝް ވިދާޅުވިއެވެ.
އެހެންކަމުން މާލެ ސިޓީން ކުރާ މަސައްކަތުގައި ކައުންސިލަރުން ބައިވެރިނުވާކަމަށް މޭޔަރު އާޒިމް ދައްކަވާ ވާހަކައަކީ ކައުންސިލަރުންގެ އަގު ވައްޓާލުމަށްޓަކައި ދައްކާ ވާހަކަތަކެއް ކަމަށް އަރީޝް ވިދާޅުވިއެވެ.
މާލެ ސިޓީ ކާނުތައް ސާފުކުރުމުގެ މަސައްކަތްކަތަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަން ފެއްޓެވި މަސައްކަތެއް ކަމަށާއި، މާލޭގެ ކާނު ހުންނަކަން މޭޔަރު އާޒިމްއަށް އެނގުނީ އެ މަސައްކަތް ކުރަން ފެށުމުން ކަމަށް ވެސް އަރީޝް ވިދާޅުވިއެވެ.

