އެމަނިކުފާނުގެ އުއްމީދަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެގެން ދިޔުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ މިހާރު އަމަލުކުރެވެމުންދާ ގާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ ގާތުން ހިދުމަތްތައް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ހަރުދަނާކޮށް، ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމުގެ އަޒުމު އާ ކުރާ ކަމަށެވެ.
މި ސަރުކާރުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި އ.ތ.މ ކޮމިޓީތަކަށް ހައްގު މަގާމާއި ހައިސިއްޔަތު ހޯދައިދިނުމާއި ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ގާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިހާރު ހަގީގަތަކަށް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އާ އިމާރާތްތައް ބިނާކޮށްދޭން ފަށާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ހިތޯބުގައި ފާހަގަކުރައްވާފައިވާ އެހެން ބައެއް ކަންކަމުގެ ތެރޭގައި، ރާއްޖޭގެ ރަށްތަކުގައި ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ އެހެން ހިދުމަތްތައް ފުޅާކުރުމާއި، ކޮންމެ ރަށަކުން ފުލުހުންގެ ހިދުމަތް، އޭޓީއެމް، ކޮންމެ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާކަމާއި، ރަށްރަށުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި ޕާކުތައް ގާއިމްކުރުމުގައި އެންމެ ބޮޑު ކާމިޔާބު ހޯދާނެ ކަމަށާއި، ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފުރިހަމަކުރުމާއި، މަގުހެދުން، ބަނދަރުހެދުން ފަދަ އުމްރާނީ އެންމެ ގިނަ މަޝްރޫއު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައިކަން ވެސް ހިމެނެއެވެ.
ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުން، މަސްތުވާތަކެތީގެ ވިޔަފާރި، ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި، ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ހިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

