ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އާއި ވިލިމާލެ-ގުޅިފަޅު އަދި ގުޅިފަޅު-ތިލަފުށި ކަނޑުއޮޅި ހުރަސްކޮށް ދަތުރު ނުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާވެސް އަންގައިފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ ތިން ޗެނަލްގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ މާލެ ތިލަފުށީ ލިންކު މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ސަރަހައްދުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެ ތިން ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަށް ނުވާތީ، އެ ކަނޑުއޮޅިތައް ބަންދުކޮށްފައިވާކަން 2024 ވަނަ އަހަރުގެ މާޗު މަހުގެ ތިންވަނަ ދުވަހުގައި އާންމުކޮށް އަންގާ އިއުލާން ކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
“މި 3 ކަނޑުއޮޅި (މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި) ބަންދުކޮށްފައިވާތީ، މި ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އާންމުކޮށް އަންގާ އިއުލާން ކުރީމެވެ،”. އެ އިއުލާނުގައި ވެއެވެ.
ވިލިމާލެ-ގުޅިފަޅު އަދި ގުޅިފަޅު-ތިލަފުށި ކަނޑުއޮޅި ހުރަސްކޮށް ބައެއް އުޅަނދުފަހަރު ދަތުރުކުރާކަން މީގެ ކުރިން ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

