ރިޔާސީ އިންތިހާބައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ އިންތިހާބަށް ކަޑަޖެހުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާ ސަބަބާމެދު އެމަނިކުފާނު ވަރަށް ބޮޑަށް ވިސްނަވާފައިވާކަމަށެވެ. އެގޮތުން މިކަމުގައި ސަރުކާރުން ގޮތެއް ނިންމުމުގެ ކުރިންވެސް އިދިކޮޅު ބައެއް ފަރާތްތަކުން ވިދާޅުވެފައިވަނީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީ ޒަމާނުގައި އޮންނަ ގޮތަކީ އިންތިހާބަށް ކަޑަޖެހުމުގެ އުސޫލު ކަމަށެވެ. އަދި މިއީ އެންމެ ކުރީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”އިންތިހާބާއި ގާތްވީމާ ރަށަށް ދާނެ، ކެންޑިޑޭޓުންނާއި އެކި ބޭފުޅުން. ގޮއްސަ ކޮންމެވެސް މަޝްރޫއެއްގެ ކަޑަޖަހާނެ. ބިންގާ އަޅާނެ. ދެން އެ ހިސާބުން ބަހަބަރު. ނުވެސް ފެންނާނެ. އަނެއްކާވެސް އަނެއް އިންތިހާބު އަންނަނީ. އަނެއްކާ ދާންވީ އެ ކަޑަ އާކުރަން. ނޫނީ އާ ކަޑައެއް ޖަހަން ނޫނީ އާ ކަމެއް ކުރަން. ދެން އަނެއްކާވެސް ގެއްލުނީ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އުސޫލު ކުރިއަށްގެންދިއުމުގެ އާދަ އަށަގަނެފައިވާ ފަރާތްތަކުން އެކަން ކުރަން ބޭނުންވާތީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް މިހާރު ދެކޮޅުހަދަމުން އަންނަ ކަމަށެވެ.
އަދި މިއުޅެނީ ދެ އިންތިހާބު އެއް އިންތިހާބަކަށް ހެދުމަށް ނޫން ކަމަށާއި، މިއުޅެނީ ދެ އިންތިހާބު ހަ މަސް ދުވަހުގެ ”ގެޕެއް“ގައި އޮވެގެން އެ ދާ ދިއުން ބަދަލުކޮށް، ދެ އިންތިހާބު އޮންނަ ދުވަސް އެއް ދުވަހަކަށް ހެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އިންތިހާބުތައް ގިނަކުރުމާއި، އިންތިހާބުތައް ބާއްވާ ދުވަސްތައް ގިނަކުރުން މުހިންމެއް ނޫން ކަމަށެވެ.
އަދި ދެ އިންތިހާބު އެއްކޮށް ބާއްވަން ބޭނުންފުޅުވަނީ ވަރަށް ގިނަ ފައިދާތައް ރައްޔިތުންނަށާއި ދައުލަތަށް ކުރާނެތީ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މީގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ގައުމުގެ ކަންކަމަށް ގެންނަ އިސްލާހުތަކުގެ ތެރެއިން އިސްލާހީ ހެޔޮ ބަދަލެއް ކަމުގައި ރައްޔިތުންވެސް ގަބޫލުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ތާރީހަށް ބަލާއިރުވެސް އެންމެ ގިނަ ރައްޔިތުން ވޯޓުލުމަށް ނުކުމެފައިވަނީ ރިޔާސީ އިންތިހާބުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އައި އިރުވެސް ކޮންމެ އިންތިހާބެއްގައި ވޯޓު ލާފައިވާ އަދަދު، ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްވުރެ އެތައް ގުނައެއް އިތުރު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަދު ބަޔަކު ވޯޓު ލައިގެން ހޮވުމަށްވުރެ، ގިނަ ރައްޔިތުން ވޯޓުލައިގެން ހޮވުމަކީ ޕާޓިސިޕޭޓަރީ ޑިމޮކްރަސީއެއްގައި އެކަން އޮންނަން ޖެހޭ އެންމެ ފުރިހަމަ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެންމެ ގިނަ ރައްޔިތުން ވޯޓުވާ ރިޔާސީ އިންތިހާބު އޮންނަ ދުވަހު، ރައްޔިތުންގެ މަޖިލިސް އިންތިހާބުގެވެސް ވޯޓުލެވޭ ގޮތް ހަދައިފިނަމަ ވަރަށް ގިނަ ރައްޔިތުން ނުކުމެ ވޯޓުލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ޑިމޮކްރަސީގެ ހަމަތަކަށް ބެލިނަމަވެސް ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެގޮތުން، އެޕްރީލް ހަތަރެއްގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި އެކަމަށް ތާއީދުކޮށް ވޯޓުދެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

