ރަށު ކައުންސިލްތަކުން އެއްބާރުލުން ނުދީގެން، މިހާރު ވެސް57 މަޝްރޫއުއެއްގެ މަސައްކަތް ނުފެށިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރާ އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން މަޝްރޫއުތަކަށް ހުރަސް އަޅާ ކަމަށާއި، ކައުންސިލްތަކުން ބިން ހަވާލު ނުކުރުމުގެ ސަބަބުން، މިހާރު ވެސް ފަންސާސް ހަތް މަޝްރޫއު ނުފެށިވާ ކަމަށެވެ. މި މަޝްރޫއުތަކަށް ކައުންސިލްތަކުން އެކި އުޒުރު ދައްކައިގެން ބިން ހަވާލު ކޮށްފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ބިން ހަވާލު ކުރަނީ ކައުންސިލުން. އެ ބިން ހަވާލު ނުކުރީމަ މަޝްރޫއުއެއް ނުފެށި މި އޮތީ، ކައުންސިލްތަކުން އެއްބާރުލުން ނުދީގެން. މީ އެންމެ މިސާލެއް، މިފަދަ އެތައް ކަމެއް އެބަހުރި.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވަރަށް އިހްލާސްތެރިކަމާއެކު، އެމަނިކުފާނާ ހަވާލު ވެވިފައިވާ ޒިންމާ އަދާކުރެއްވުމަށް ކަމަށާއި، އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވެލައްވާ ކަމަށެވެ.

