ކުރިއަށް އޮތް އިންތިޚާބުގައި ވޯޓްލާ ކޮންމެ މީހެއްގެ އަތަށް ތިން ވޯޓް ކަރުދާސް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ފާއިތުވި އިންތިހާބުތަކާއި ހިލާފަށް ކުރިއަށް އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ އިންތިހާބުގައި  ވޯޓްލާން އަންނަ ކޮންމެ މީހެއްގެ އަތަށް 3 ވޯޓް ކަރުދާސް ދޭނެ ކަމަށެވެ.

އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ މަގާމްތައް ހިމެނޭ ކަރުދާހަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަގާމްތައް ހިމެނޭ ކަރުދާހެއްގެ  އިތުރުން ރިޔާސީ އިންތިހާބައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީގައި ބާއްވަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަރުދާހެވެ.

މި ވޯޓް ކަރުދާސް ތައް ހުންނަ ތަރުތީބު ކުރެވިފައިވަނ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހަށް ބަލާއިރު ރަށްރަށުގެ ކައުންސިލަރުން އިންތިހާބުކުރުމަށް ވޯޓު ކަރުދާހުގައި މައިގަނޑު 3 ބަޔަކަށް ބަހާލާފައި އޮންނާނެއެވެ.

އޭގެ ތެރެއިން ފުރަތަމަ އޮންނާނީ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓުން ހިމެނޭ ބައެވެ. އެއަށްފަހު ދެން އޮންނާނީ ރަށު ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުންގެ ބައެވެ.

އެއަށްފަހު ކައުންސިލްގެ އާންމު މެންބަރުންނަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ބައި އެ ވޯޓު ކަރުދާހުގައި ހިމަނާފައި އޮންނާނެއެވެ.

ވޯޓު ބާތިލުވުމާއި ވޯޓު ކަރުދާސް ބާތިލުވާނެ ގޮތްތަކާއި ބެހޭގޮތުން ވާހަކަދައްކަމުން ހަސަން ޒަކަރިއްޔާ ވިދާޅުވީ
އެމީހާކަށް ފެންނަ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ހެޔޮފާހަގަ ޖެހުމުގެ އިތުރުން ވޯޓު ކަރުދާހުގައި އިތުރު ކުރެހުމެއް ނިޝާނެއް ނުވަތަ އެއްވެސް އެއްޗެއް ލިޔެފިނަމަ އެ ވޯޓު ކަރުދާސް ބާތިލުވާނެކަމަށެވެ.

އަދި ކައުންސިލް އިންތިހާބުގައި ރައީސް އިންތިހާބުކުރުމުގެ ބައިގައި އެކަކު ހޮވަން ޖެހޭއިރު 2 މީހަކާ ދިމާލުގައި ހެޔޮ ފާހަގަ ޖަހާފިނަމަ އެ ވޯޓްކަރުދާހުގައި ބާތިލް ވަނީ ހަމަ އެކަނި ރައީސް ކަމަށާއި ދެން ހުރި ބައިތައް ރަނަގޅު ނަމަ އެ ވޯޓްކަރުދާހުގެ އެބައިތައް ބާތިލް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ވިދާޅުވިއެވެ.

މި ވޯޓު ކަރުދާސްތަކަކީ އެހެން އިންތިހާބުތަކެކޭ އެއްފަދަ ސެކިއުރިޓީ ފީޗާތަކެއް ހިމެނޭ، މަތީ ފެންވަރުގެ ކަރުދާސްތަކެއް ކަމަށާއި، ހުރިހާ ވޯޓްކަރުދާހެއް ވޯޓްލާ މަރުކަޒްތަކަށް ގެންދާނީ ރައްކާތެރިކަމާއިއެކު ފުލުހުންގެ ބެލުމުގެ ދަށުންކަމަށެވެ އޭނާ ވަނީ ފާހަގަކުރައްވާފައެވެ.