ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ، އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށްކަމަށެވެ. އަދި  މި މަސައްކަތް ކުރިއަށްގެންދާނީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކެންޑިޑޭޓުން އަމިއްލައަށެވެ.

ކެންޑިޑޭޓުން  އައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 މާރިޗު 07 ވާ ހޮނިހިރު ދުވަހުގެ 13:00 ނިޔަލަށްކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

އީސީން ބުނެފައިވަނީ އިންތިހާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާކަމަށެވެ.

އަދި މަންދޫބުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ މަރުކަޒުތަކުގައި އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުން ކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.