މެދުއިރުމަތީގެ މަޝްރަހް މިވަގުތު އޮތް ހާލަތަށް ބަލައި އެ ގައުމުތަކުގައި އުޅެމުންދާ ދިވެހިން ސަމާލުވުމަށް ދިވެހި ހާރިޖިއްޔާއިން އެދިއްޖެއެވެ.
އީރާނަށް ދިން ހަމަލާތަކަށްފަހު ބަދަލުވަމުންދާ މަޝްރަހު މިވަގުތު އޮތް ހާލަތާ ގުޅޭގޮތުން ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މެދުއިރުމަތީގައި މިއަދު ފަށާފައި މިވާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ އަދި އެގައުމުތަކަށް ދަތުރުކުރާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ހާރިޖިއްޔާއިން ބުނީ މެދުއިރުމަތީ ސަރަހައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، މެދުއިރުމަތީގައިހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާކަމަށާއި، ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރިދިވެހިރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށްވެސް އެދިފައިވެއެވެ.
އެގޮތުން އެ މިނިސްޓްރީން ފޯރުކޮށްދީފައިވާ ނަމްބަރުތަކަކީ:
ދޯހާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896+
ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 971501086689+
ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477 +
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއަޕް)
އެމެރިކާ އަދި އިސްރާއީލް އިސްވެ އީރާނަށް ދިން ހަމަލާތަކަށްފަހު އީރާނުންވެސް ވަނީ ގަތަރު އަދި ބައެއް އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފަށާފައެވެ.
އެއާއެކު ގަލްފް ގައުމުތަކުން ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދުވެސް ބަންދުކޮށްފައެވެ. އެއާއެކު މުޅި މެދުއިރުމަތީގެ ވައިގެ ދަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

