އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިކަން އީރާންގެ ދައުލަތުގެ ޓީވީން އިއުލާނު ކޮށްފިއެވެ.
ޚާމަނާއީ އަވަހާރަވިކަން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅިފައިވާ ޚަބަރު ފަތުރާ އިދާރާއެއް ކަމަށްވާ ފާސް ނިއުސް އެޖެންސީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ޚާމަނާއީގެ އިތުރުން އޭނާގެ އަންހެން ދަރިކަނބަލަކާއި ކާފަ ދަރިކަލަކު ވެސް އަވަހާރަވެފައިވާ ކަމަށް ފާސް ނިއުސް އެޖެންސީން ބުނެފައިވާއިރު އީރާނަށް ދިން އިތުރު ހަމަލާއެއްގައި އަންހެން ދަރިކަނބަލުންގެ ފިރިކަލުންނާއި ދަރިކަލުން ވެސް އަވަހާރަވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ޚާމަނާއީ އަވަހާރަވި ޚަބަރު އެންމެ ފުރަތަމަ އިއުލާން ކުރީ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، ޚާމަނާއީ ދުނިޔޭގައި ނެތް ކަމަށެވެ. އަދި ޓްރަމްޕް ބުނެފައިވަނީ ޚާމަނާއީ އަވަހާރަކޮށްލުމަކީ ހަމައެކަނި އީރާންގެ ރައްޔިތުންނަށް ލިބުނު އިންސާފެއް ނޫން ކަމަށާއި މިއީ ޚާމަނާއީގެ ޒައާމަތުގައި މަރާލި މީހުންނަށާއި އެމެރިކާގެ ރައްޔިތުންނަށް ވެސް ލިބުނު އިންސާފެއް ކަމަށެވެ.
ޚާމަނާއީ އަވަހާރަކޮށްލެވުނު ކަމުގައި ވިޔަސް، އީރާނަށް ބޮން އެޅުން ހުއްޓާނުލާނެ ކަމަށް ވެސް ޓްރަމްޕް ބުނެފައިވެއެވެ.
އީރާންގެ ރޫހާނީ ލީޑަރު ނުވަތަ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާ އެންމެ އިސްވެރިޔާއެވެ. ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ޚާމަނާއީއެވެ.

