ރަސްމާލެ ހިއްކާ ނިމުމުން، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ”ޓޯޓަލް ސޮލިއުޝަން“ ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން މިއަދު މާލެ ސިޓީގެ ހެންވޭރު ދެކުނުގައި ކުރިއަށް ގެންދިޔަ ”ދޮރުން ދޮރަށް“ ހަރަކާތުގައި ބައިވެރިވެވަޑައިގެން ”އެމްއެމްޓީވީ“އާ ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ، ކުރީ ސަރުކާރުން ކަނޑުން ދޫކުރި ގޯތިތައް މި ސަރުކާރުން ވަނީ ހިއްކާފައި ކަމަށާއި، ހުޅުމާލެ ފޭސް 3 ގެ ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާއިރު، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކުު ދަނީ ކުރިއަށް ކަމަށެވެ.
އެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާލާނެކަމް ރިފާއު ވަނީ ފާހަގަކުރައްވައިފައެވެ. އަދި އިކޯ ސިޓީއެއްގެ ގޮތުގައި ހިއްކަމުން އަންނަ ”ރަސްމާލެ މަޝްރޫއު“ އަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ޖުމްލަ ހައްލުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
”މިއަށްވުރެ ބޮޑު އުފަލެއް މާލެ ރައްޔިތުންނަށް އޮންނާނެ ކަމަކަށް ނުފެނޭ. މާލެ ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކީ ހަމަ ބޯހިޔާވަހިކަން.“ ރިފާއު ވިދާޅުވިއެވެ.
މެދުކެނޑުމަކަށްފަހުގައި ރަސްމާލެ ސިޓީ ހިއްކުމުގެ މަޝްރޫއު ފަށާފައިވާއިރު، އެ ސިޓީން 25،000 ގޯތި ދޫކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެއެވެ.
މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ.
މިކަމުގައި ރައީސް މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވުރަކީ ފުށިދިއްގަރު ފަޅު ހިއްކައި ރަސްމާލެ ސިޓީ ވުޖޫދު ކުރުމެވެ.

