ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިހާބު ކަމުގައިވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ބައެއް ފައިދާތައް މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެދެއްވައިފިއެވެ.

ކޮންގްރެސް ޕާޓީން މިއަދު ހެންވޭރު ދެކުނު ދާއިރާގައި ކުރިއަށް ގެންދިޔަ ”ދޮރުން ދޮރަށް“ ހަރަަކާތުގައި ބައިވެރިވެވަޑައިގެން އައިފާން ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ކުރިން ސަރުކާރުތައް އޮންނަނީ ހުއްޓިފައި ކަމަށެވެ.

ރާއްޖޭގައި ސަރުކާރުތައް ހިނގައިގަންނަ މަންޒަރު ފެނިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހުގައި ކަމަށާއި، އެހެންވެ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2023 ވަނަ އަހަރުގައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ފެނިގެންދިޔަ މަންޒަރަކީ، އައިފާން ވިދާޅުވި ގޮތުގައި، މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދިޔަ މަންޒަރެވެ.

”ސަރުކާރުގެ ވަޒީރުންނަށް އިތުބާރެއް ނެތް ކަމަށް އެބޭފުޅުންގެ މެޖޯރިޓީ ބޭނުންކޮށްގެން ފާސް ކުރަން އުޅުނު މަންޒަރާއި، ގާނޫނީ ގޮތުން އިންތިހާބުވެފައި ހުރި ރައީސުލްޖުމްހޫރިއްޔާއަކު އަޒުލު ކުރަން އުޅުނު މަންޒަރާ، މި ކަހަލަ ކަންތައްތަކެއް ފެނިގެން ދިޔައީ.“ އައިފާން ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމަކީ މިފަދަ މައްސަލަތަކަށް ހައްލު ލިބި، ސިޔާސީ ގޮތުން ދިވެހި ގައުމަށް ހަމަޖެހުން ގެނެސްދޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން އައިފާން ވިދާޅުވީ ބޮޑު ދެ އިންތިހާބަށް ވަރަށް ބޮޑު ހޭދައެއްވެސް ކުރަން ޖެހޭ ކަމަށާއި، އެއްކޮށް އިންތިހާބު ބޭއްވުމަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުވެގެން ދިޔުން ވެސް ހުއްޓުވޭނެ ކަަމެއް ކަމަށެވެ.

އިންތިހާބުތަކާ ދިމާކޮށް، ސަރުކާރުތަކުން ރައްޔިތުންނަށް އެކި ވައުދުތައްވެ، ދެކޮޅު ނުޖެހޭ ހަރަދު ކުރާ ކުރުން ވެސް ހުއްޓުވަންޖެހޭކަން ފާހަގަ ކުރައްވައި އައިފާން ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އެ ބޭކާރު ހަރަދުތައް ވެސް ހުއްޓުވޭނެ ކަމަށެވެ.