ފޯޅަވަހީގެ މައްސަލަައިގައި ދިވެހިރާއްޖެއާ ސިޔާސީ ގުޅުން ކަނޑައިލުމަށް މޮރިޝަސް އިން ނިންމި ނިންމުމަކީ ތާކުންތާކު ޖެހޭ ނިންމުމެއް ނޫން ކަމަށާއި، ގުޅުން ކަނޑާލިޔަސް، ހަގީގަތް ބަދަލު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއެކު އޮތް ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމީ، ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް އޮތް ކަމަށް ރާއްޖެއިން ގަބޫލު ނުކުރާތީ އާއި މޮރިޝަސްއާ ޗާގޯސް ހަވާލު ކުރަން އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން ދެކޮޅު ހަދާތީ ކަމަށް ބުނެއެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފޯޅަވަހި ނުވަތަ ޗާގޯސް މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ގުޅުން ކަނޑާލިޔަސް، ރާއްޖޭގެ ”ސްޓޭންޑް“ ބަދަލު ނުވާނެ ކަމަށެވެ.
”މޮރިޝަސް އިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ، ވަރަށް އިމެޗުއާ، ނައީވް ނިންމުމެއް. އެ ނިންމުން އެހެން ނިންމުމަކުންނެއް ހަގީގަތް ބަދަލެެއް ނުވޭ. ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް، މޮރިޝަސްއަކަށް ހައްގު ނޫން ތަނެއް މޮރިޝަސްއަަކަށް ހައްގެއް ނުވާނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއްވެސް ބަޔަކާ ޗާގޯސް ހަވާލު ކުރާނަމަ، ހަވާލު ކުރަން ޖެހޭނީ ދިވެހިރާއްޖެއާ ކަމަށާއި، އެއްވެސް ގައުމަކުން ރާއްޖެެއާ ގުޅުން ކަނޑާލުމަކުން، މިކަމުގެ
ހަގީގަތް ބަދަލު ނުވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ ކުރިއަށްދާނީ ”މޯލްޑިވްސް ފަސްޓް ޕޮލިސީ“އާ އެކީގައި ކަމަށާއި، އެ ސްޓޭންޑް ބަދަލު ނުވާނެ ކަމަށެވެ.
ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ މި މައްސަލައިގައި ބޭރުގެ ފަންނީ މާހިރުންގެ ލަފަޔާއެކު ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކަމަށް ހާއްސަކޮށް ކެބިނެޓުގެ ކޮމިޓީއެއްވެސް އެކުލަވާލެވި، މި މައްސަލަ ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.

