ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދެވި މި ރަސްމިއްޔާތުގައި ރައީސް ވަނީ، އަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް ދަސްވެނިވި 31 ހާފިޒުންނަށް ސަނަދާއި، ރައީސް ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
މިއީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޡު އިމްތިހާނު ކޮމިޓީއަށް ކިޔައިދީ، އަލަށް ދަސްވެނިވި ހާފިޒުންނެވެ. މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ހާފިޒުންނާއި، ފިރިހެން 12 ހާފިޒުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ހާފިޒުންނާއި، 21 އަހަރުން މަތީގެ 8 ހާފިޒުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިތުރު 18 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
މިއީ 3 ސެޕްޓެމްބަރު 2024 އިން 18 މާރިޗު 2025 ގެ ނިޔަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޡު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ ސަނަދު ޙާޞިލުކޮށްފައިވާ ޙާފިޡުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޙާފިޡުކަމުގެ އިމްތިޙާނު ހަދައި، ދަސްވެނިވާ އަހަރު ކަމަށެވެ. 26 ފެބުރުވަރީ 2026 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ތިބީ 139 އަންހެން ޙާފިޡުންނާއި، 162 ފިރިހެން ޙާފިޡުންކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
އަދި ސަރުކާރުގެ ދުރުރާސްތާ އަމާޒަކީ، އާބާދީގެ ނިސްބަތުން އެންމެ ޙާފިޡުން ގިނަ އިސްލާމީ ޤައުމަށް ދިވެހިރާއްޖެ ހެދުންކަމަށް، މިރޭގެ ޖަލްސާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް 2025 ވަނަ އަހަރު 19 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރެއްވުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިގޮތުން، 2026 ވަނަ އަހަރު މި ފަދަ 50 ގޮފި ޤާއިމުކުރައްވާނޭކަމަށާއި، މިއަހަރުގެ މިހާތަނަށް، މި ފަދަ 6 ގޮތްޕެއް ރަޖިސްޓަރ ކުރެވިފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ހާމަކުރެއްވިއެވެ.

