މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެލާ ކާބޯތަކެތި ނުލިބިދާނެ ކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ތެލުގެ ކަންކަން ހަމަޖެހިފަައިވާ ކަމަށާއި، އެކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.
”އަޅުގަނޑުމެންނަށް ހަމަ ރަނގަޅަށް އެކަން އޮތީ ހަމަޖެހިފަ. އެެއްވެސް ވަރަކަށް ތެޔޮ، ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް އަދި ނެތް އެއްވެސް ކަހަލަ ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ.“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ކުރާނެ އަސަރުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބޭނުން ނުކޮށް ފަތުރުވެރިންނަށް ދަތުރުކުރެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

