ބޭރުގެ ދަރަނި ދެއްކުމުގައި އެއްވސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި އެމަނިކުފާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ މިއަދު ސުކޫކު ދައްކަންޖެހުނަސް ދެއްކޭވަރަށް ފައިސާއެބަހުރި ކަމަށާއި އެގޮތުން 500 މިލިއަން ޑޮލަރުގެ ސުކޫކް އެ ދައްކަން ޖެހޭ ދުވަސް ކަމުގައި ވާ މިއަހަރުގެ އޭޕްރީލް 8 ވަނަ ދުވަހު ދެއްކުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ، ސުކޫކް ދެއްކުމަށް 650 މިލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ ރައްކާ ކުރެވިފައިވާ ކަމަށާ، އޭގެތެރެއިން 320 މިލިއަން ޑޮލަރަށްވުރެ ގިނައިން އެސްޑީއެފްގައި ރައްކާކުރެވިފައިވާ ފައިސާ ކަމަށެވެ. އަދި އަނެއް 330 މިލިއަނަށްވުރެ ގިނަ ޑޮލަރަކީ ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ގްރޮސް ރިޒާވް މައްޗަށް ނުދާ ވަރަށް މިހާރު މައްޗަށް ގޮސްފައިވާ ކަމަށެވެ.

އެގޮތުން ގްރޮސް ރިޒާވްގައި 1.27 ބިލިއަން ޑޮލަރު ހުރި ކަމަށް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

އަދި ދައުލަތައް އިތުރަށް ފައިސާ ހޯދުމަށްޓަކައި ކާމިޔާބް ގިނަ މަސައްކަތް ތައް ކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ދެކެވެމުންދާ ވާހަކަތައް ނިމުމަކާއި ހަމަޔަށް އައިސްފައިވާކަމަށެވެ. އަދި ބޭރުގެ ދަރަނި ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސާދު ބަލަހައްޓަމުންދަނީ ރާއްޖޭއިން ބޭރަށް ދައްކަންޖެހޭ ދަރަނިތަކާއި، އެތެރޭގެ އެކިއެކި ފަރާތްތަކަށް ދޭން ހުރި ފައިސާވެސް ދެމުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި ވެސް ރާއްޖޭގެ ކުދި ވިޔަފާރި ތަކާއި އަދި ކުންފުނިތަކުން ސަރުކާރަށް ކޮށްފައި ހުރި މަސައްކަތްތަކަށް މަދުވެގެން 200 މިލިއަން ދޭނެ ހަފްތާއެއް ކަމަށެވެ.

އަދި ސަރުކާރުން އިސްކަން ދެނީ ކުދި އަދަދުން ފައިސާ ދައްކަންހުރި ފަރާތްތަކަށް ކަމަށާއި، އެގޮތުން އަންނަ ހަފްތާގައި ފައިސާ ދޭ ކުންފުނިތަކަކީ 1 މިލިއަން ރުފިޔާއަށް ވުރެ މަދުން ދައްކަން ހުރި ކުންފުނި ކުންފުނިތައް ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް 116 މިލިއަން ޑޮލަރު މާރު ކޮށްފައިވާކަމަށާއި،
އެހެންކަމުން ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ހަރުދަނާކޮށް ކަމަށާއި އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތްކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.