ފޯޅަވަހި އެއްވެސް ގައުމަކާ ހަވާލު ކުރާނަމަ، ހަވާލު ކުރަން ޖެހޭނީ ދިވެހިރާއްޖެއާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެއަަށް ފޯޅަވަހި ނުވަތަ ޗާގޯސް ލިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވަމުން ގެންދަވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފައެވެ.

އެމަނިކުފާނު ވިދާޅުވީ ފޯޅަވައްސަކީ ގަރުނުތަކެއް ކުރިން ދިވެހީންގެ ތަނެއް ކަމަށާއި، އެކަމުގެ ގިނަ ހެކިތައް އެބަހުރި ކަމަށެވެ. އަދި އެއީ، ރާއްޖެއާ ތާރީހީ ގޮތުން ގުޅުން އޮތް ތަނެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އެ ތަނުގެ ހައްގުވެރި ގައުމާ ހަވާލު ކުރުމުގެ ބޭނުމުގައި ހަވާލު ކުރަންޏާ، އެތަން ހަމައެކަނި ހަވާލު ކުރަންޖެހޭ ގައުމަކީ ދިވެހިރާއްޖެ. އެއީ ވަރަށް ސާފު ކަމެއް.“ ރައީސް ވިދާޅުވިއެވެ.

ފޯޅަވަހި އިނގެރޭސީންގެ ބާރުގެ ދަށުގައި އޮތުމަކީ އެހެން މައްސަލައެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ބަޔަކާ އެތަން ހަވާލު ކުރާނަމަ، އެންމެ ހައްގީ ރާއްޖެއާ ހަވާލު ކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ ފޯޅަވަހީގެ މައްސަލައިގައި، ބައިނަލްއަގްވާމީ ގޮތުން މައްސަލަ ހުށަހަޅަންޖެހޭ ފަރާތްތަކަށް މައްސަލަ ވެސް ހުށަހަޅާނެ ކަމަށެވެ. އަދި މިވަގުތު މިކަމުގައި އިނގެރޭސިވިލާތުގެ ސަރުކާރާއެކު މުއާމަލާތް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފޯޅަވަހީގެ މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލާފައިވާއިރު، ރައީސް މުއިއްޒު އެ ނިންމެވުން ސިފަ ކުރެއްވީ އެއްވެސް ތާކުންތާކު ނުޖެހޭ ނިންމުމެއްގެ ގޮތުގައެވެ. އެމަނިކުފާނު ވިދާޅުވީ، މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލިޔަސް، ފޯޅަވައްސަކީ އެ ގައުމަށް ހައްގު ތަނެއް ކަމަށް ނުވާނެ ކަމަށެވެ.