ހުދުމުހުތާރު މި ބަސް މި ސަރުކާރާއި ދިމާލަށް ބޭނުން ނުކުރެވޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ އެންމެ ހަރުދަނާ ވެގެން ގޮސްފައިވަނީ ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ކަމަށާއި، އެމަނިކުފާނަކީ ހުދުމުހުތާރުކޮށް އެއްވެސް ކަމެއް ކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ޑިމޮކްރަސީއަށް ފުރުސަތު ނުދޭނަމަ އިދިކޮޅު ޕާޓީގެ ޕްރައިމެރީ ބޭއްވުމަށް ސުކޫލުތައް ހަމަޖައްސައި ނުދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ފަރާތްތަކުން ކެންޑިޑޭޓުން ހޮވަން ބޭއްވި ޕްރައިމެރީ ބޭއްވީ ސަރުކާރުގެ އިދާރާ ތަކުގެ ތެރޭގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި އެކީގައި ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިސަރުކާރު ހުދުމުތާރުނަމަ ކުރީގެ އޮތްގޮތަށް އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށާއި، ނަމަވެސް މިހާރު 5 ތަނަކަށް އެއްވެވޭނެ ކަމަށާއި އަދި ހުދުމުތާރުކޮށް ކަންތައްކުރާނަމަ ހުރިހާ ސިޔާސީ ވެރިން ތިބޭނީ ޖަލުގައި  ކަމަށާއި، މި ސަރުކާރުން އެފަދަ މީހަކު ޖަލަށްލާފައި ނުވާނެކަމަށެވެ.

އެހެންކަމުން އެ ބަސް ބޭނުންކުރާނަމަ ކުރަންވާނީ ކުރީގެ ސަރުކާރު ތަކަށް ކަމަށާއި މިސަރުކާރާއި ދެކޮޅަށް އެބަސް ބޭނުންނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ކުރިއަށްދާނީ ރައްޔިތުންނާއި އެކުގައި، ރައްޔިތުންނާއި ގާތުން ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައިވާކަމަށާއޮ، މާލޭގެ ހުރިހާ އަވަށަކަށް ވަޑައިގެން ރައްޔިތުންގެ އަޑުއައްސަވާފައިވާނެކަމަށެވެ. އަދި ވަކިވަކި ފަރުދުންނާއި، ޖަމިއްޔާތަކާއި، މުއައްސަސާތަކާއި، އަދި ކައުންސިލްތަކާއި ވެސް އެތައްފަހަރަކު ބައްދަލުކޮށް ކަންބޮޑުވުންތައް ގާތުން އަޑުއަހާ އެކަންކަމަށް އަމަލީ ސިފަ ގެނެސްދީ ޑިމޮކްރަސީގެ ފުރިހަމަ މިސާލު ދައްކާފައިވާކަމަށެވެ.

މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި ލާމަރުކަޒީ ނިޒާމް އެންމެ ފައްކާވެފައިވާ ޒަމާން ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވާ ދުވަސް އެއްދުވަހަކަށް ހަދަނީ އެކަން ޑިމޮކްރަސީއާއި ލާމަރުކަޒީ ނިޒާމް އެއަށް ވުރެ އިތުރަށް ހަރުދަނާ ކުރުމަށް ކަމަށާއި، ރިޔާސީ އިންތިހާބަށްވުރެ ގިނައިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޮވަން ވޯޓްލާން ނިކުންނަ މީހުންގެ އަދަދު އިތުރުކުރުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ވޯޓްލާން އަންނަ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށެވެ.

އަދި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖެއަށް ލިބޭ އިތުރުކުރިއެރުމަކާއި އާރޯކަމެއްކަމެއް އަންނާނެ ކަމެއް ކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.

އަދި އެއީ މިހާތަނަށް ރައްޔިތުން އަމަލީގޮތުން ދައްކާފައިވާގޮތްކަމަށާއި،  އެގޮތުން ރައްޔިތުންވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ބަޔަކަށް މަޖިލީހުގެ އިންތިހާބު ފާއިތުވި ދައުރުތަކުގައި ދީފައިކަމަށެވެ.