ރާއްޖޭގައި ޖެއްސީ ހަނގުރާމަވެރި މަތިންދާ ބޯޓެއް ނޫންކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ ޚަބަރު ލިބުމާއި އެކު މައުލޫމާތު ހޯއްދައްވާފައިވާކަމަށާއި، ރާއްޖޭގައި ޖައްސާ ތެޔޮއަޅައިގެން ދިޔަކަމަށް ބުނެ ދައުރުވާ ފޮޓޯގައިވަނީ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ 17 ޖެނުވަރީ ގައި ހުއްދަ ނަގައިގެން ޖެއްސި ސިވިލިއަން އެއަރކްރާފްޓެއް ކަމަށް ރައީސް ވިދާޅުވިޢެވެ. އަދި އެބޯޓަކީ ސީޝެލްސްއިން ފުރައިގެން އައިސް ރާއްޖެ ޖައްސާފައި ތައިލެންޑަށް ދިޔަ އެއްޗެއްކަމަށާއި، އެއީ ހަނގުރާމަޔާއި އެއްވެސް ގުޅުމެއް ހުރި ބޯޓެއް ނޫން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ސޯޝަލް މީޑިއާގައި ދަނީ ހަނގުރާމަވެރި މަތިންދާ ބޯޓެއް ރާއްޖޭގައި ޖައްސާ ތެޔޮއަޅައިގެން ގޮސްފައިވާކަމަށް ބުނެ ފޮޓޯއެއް ދައުރުކުރަން ފަށާފައެވެ.
އަދި މި ފޮޓޯއާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކުން އެއްވެސް މައުލޫމާތެއް ސާފުކުރުމަކާއި ނުލާ އެތައް ބަޔަކު އަންނަނީ ރައީސް މުއިއްޒުއަށް ބަދުބަސް ބުނެ އެކަމާއި ފާޑުކިޔަމުނެވެ.
ސޯޝަލް މީޑިއާ އަކީ އެމީހެއްގެ ހިޔާލު ފާލުކުރުމުގެ މިނިވަންކަން އޮތްތަނެއް ނަމަވެސް މިފަދަ ފޯސްޓްތައްކޮށް ހަގީގަތާއި ހިލާފު ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެ ޕޯސްޓާއި އިދިކޮޅަށް ވާހަކަދައްކާފައިވާ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

