މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އަރަބި އިސްލާމީ ގައުމުތަކުން މަސައްކަތް ކުރަމުންދަނީ އެއް ބްލޮކެއްގެ ގޮތުގައި ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވިީ ހަނގުރާމައާ ގުޅިގެން އެކުލަވާލައްވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީއިން، މެދުއިރުމަތީގެ ގައުމުތަކުގައި މިހާރު ދިރިއުޅޭ ދިވެހިންގެ ހާލު ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، އަދި މިހާތަނަށް، ދިވެއްސެއްގެ ސަލާމަތާ ގުޅުންހުރި އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ.
އަދި މައްސަލަ ގޯސްވެ، އިވެކުއޭޓްކުރަން ޖެހިއްޖެ ހާލަތަކަށްވެސް ތައްޔާރު ވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މެދުއިރުމަތީގެ ވައިގެ ސަރަޙައްދުތައް ބަންދުކުރުމުގެ ސަބަބުން ރާއްޖެއިން ނުފުރި އަދި ރާއްޖެއަށް ނާދެވި ތިބި މީހުންގެ ދަތުރުތައް ރީރޫޓްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތެލާއި ކާބޯތަކެތި ނުލިބިދާނޭކަމުގެ ނުރައްކާ އަދި ނެތްކަމަށާއި، ފެބުރުވަރީ 28 ގައި ވެސް އޮމާނުން، ތެލުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ފުރާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އިތުރު ޝިޕްމަންޓެއް ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ވަގުތު އެންމެ މުހިންމީ ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުން ކަމަށާއި، އެގޮތުން، ފަތުރުވެރިކަން ހިމާޔަތްކުރުމަށްޓަކައި، ރާއްޖެއަށް ދަތުރުކުރެވޭ މަގުތަކަށް ބަދަލުގެނެސް، އަމިއްލަ އެއަރލައިންގެ ގާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމުގެ މި ދަނޑިވަޅުގައި، ޢަރަބި އިސްލާމީ ގައުމުތަކުން މަސައްކަތްކުރަނީ އެއް ބްލޮކެއްގެ ގޮތުގައި، އެކަތިގަނޑެއްގެ ގޮތުގައިކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
އަދި މި ހަމަނުޖެހުންތަކުގައި ގެއްލޭ ކޮންމެ މުސްލިމް ފުރާނައަކީ އިސްލާމީ އުއްމަތަށް ލިބޭ ގެއްލުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

