މިހާރު ހިއްކަމުންދާ ގިރާވަރު ހިއްކާ ނިމުމުން ދެން ފަށާނީ އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މިހާރު ހިއްކަމުންދަނީ ގިރާވަރުފަޅު ކަމަށާއި،  އެތަން ނިމުމުން ޕްލޭނާއި އެއްގޮތަށް ދެން އެންމެ އަވަހަށް ފަށާނީ އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތްކަމަށެވެ.

އަދި އެތަން ހިއްކާ ނިމުމުން އެތަނަށްވެސް މީހުން ދިރިއުޅޭ އާބާދީއެއް އަންނާނެ ކަމަށާއި އަދި މީގެ އިތުރުން އެތަން ތަރައްގީކުރަނީ އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޖާގަ އޮންނާނެ ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ހޯޕް އައިލެންޑްގެ މަސަކްތައްވެސް ދާނީ އުތުރުތިލަފަޅު މަޝްރޫއުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. މުޅި މަޝްރޫއުގައި ގިނަ ކަންތައްތަކެއް ހިމެނޭނެ ކަމަށާއި، އެގޮތުން އަސްކަރީ މަރުކަޒެއް ވެސް އެ މަޝްރޫއުގެ ތެރެއިން ތަރައްގީކުރެވިގެންދާނެ ރައީސްވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށާއި، އަދި ފޭސް3 ގެ ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް ހައްލުހޯދައިދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދެވެ.

އެގޮތުން މި ފަސް އަހަރުތެރޭގައި ބޯހިޔާވަހިކަމަށް ހައްލު ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް އެމަނިކުފާނު ކުރައްވަމުން އަންނަ އިރު ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެތަން ހިއްކާ ނިމުމުން 25 ހާސް ގޯތި ދޫކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިހާރުވަނީ ގޯއްޗާއި ފުލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. އެގޮތުން މިހާރު ހުޅުވާލާފައިވަނީ 15،000 ގޯއްޗާއި 7،900 ފްލެޓަށް ކުރިމަތިލުމަށެވެ.

އެއާއި އެކު މިހާތަނަށް ޖުމުލަ 5067 މީހުން ވަނީ ފޯމު ހުށައަޅާފައެވެ. މީގެތެރެއިން ގިނަ މީހުން ފޯމު ހުށައަޅާފަވަނީ، ފްލެޓަށް އެދިއެވެ.

ފްލެޓަށް އެދި މިހާތަނަށް 3434 މީހުން ފޯމު ހުށައަޅާފަވެއެވެ. އަދި ގޯއްޗަށް އެދި 1633 މީހުން ވަނީ ފޯމު ހުށައަޅާފައެވެ.