އެމަނިކުފާނުގެ ހާއްސަ މަންދޫބުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަގާމުން އިސްތިއުފާދެއްވަން އެންގެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު އިސްތިއުފާދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު، ކުޑަދީންނަށް ޖިންސީ ގޯނާކުރުމަށް، އެ ކުދިން ޓްރެފިކިން ކުރަން ބޮޑު އޮޕަރޭޝަނެއް ހިންގި އެމެރިކާގެ ޖެފްރީ އެޕްސްޓެއިންއާ ބައްދަލުކުރެއްވިކަން އާއްމު ވެފައި ވަނިކޮށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މައްސަލައިގައި ވަހީދާ މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ނޫސްވެރިޔަކު ކުރި ސުވާލާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް އެކަން އެނގިވަޑައިގެންނެވި ހިސާބުން އިސްތިއުފާ ދެއްވުމަށް ވަހީދަށް ދެންނެވި ކަމަށެވެ.
ރައީސް ވަހީދު އިސްތިއުފާ ދެއްވީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، އެޕްސްޓީންއާއެކު ބޭއްވި ކަމަށް ބުނާ ބައްދަލުވުންތަކާއި އީމެއިލްތަކާ ގުޅޭގޮތުން އިންޓަނެޓުގައި ދައުރުވަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެފްރީ އެޕްސްޓެއިންއާ ބައްދަލުކުރެއްވިއިރު އޭނާއާ ބެހޭ އެފަދަ ވާހަކަތަކެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

