”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓް ލިބޭނެ ކަމަށް ބުނެ، އޮޅުވާލައިގެން ސްކޭމްތަކެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް ހައުސިން މިނިސްޓްރީން އެދިއްޖެއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީގެ ބަޔާނުގައި ބުނީ، ގޯއްޗާއި ފުލެޓު ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
އެހެންކަމުން، ރަސްމީ އުސޫލުތަކުން ބޭރުން އެއްވެސް މުއާމަލާތެއް ނުހިންގުމަށް އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ.
ސަރުކާރުގެ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފުލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާގެ ނުވަތަ އެފަދަ އެހެން އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް މިނިސްޓްރީން އެދެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އުސޫލެއް ނުވަތަ އިއުލާނެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ގޯއްޗާއި، ފުލެޓު ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެކަން ރިޕޯޓު ކުރުމަށްވެސް މިނިސްޓްރީން އެދެއެވެ.
މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅުމަށް ހައުސިން މިނިސްޓްރީން އެދެއެވެ.

