މެދު އިރުމަތީގެ ހަމަޖުނުޖެހުމާއި ގުޅިގެން ރާއްޖޭގެ ތެލުގެ ސްޓޮކަށް ދަތިކަމެއް ނާންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބައިނަލްއަގްވާމީ މާރކެޓްގައި ތެލުގެ އަގު އުފުލިގެންދިޔަކަމާއި އެގޮތުން އެ އަގު އިއްޔެ އެކަނިވެސް 25-30 އިންސައްތަ އުފުލުނުކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ހާލަތު އޮތް ގޮތުން ތަކެތީގެ އަގަށް ބަދަލު އައި ނަމަވެސް ރާއްޖެއިން ފިޔަވަޅުތައް އަޅާނީ އެކަންކަމަށް ވިސްނައިގެން ކަމަށްވާތީ ރާއްޖެއަށް ތެލުގެ ދަތިކަމެއް ނާންނާނެ ކަމަށާއި އަދި މިހާރުވެސް ތެލުގެ އާ ޝިޕްމެންޓެއް އަންނަކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ރާއްޖެއަށް މިހާރު އަހަރެއްގެ މައްޗަށް ދެ މިލިއަނަށްވުރެ ގިނަ ފަތުވެރިން ޒިޔާރަތްކުރާ ކަމަށާ، އެ ހުރިހާ އެންމެންނަށް ކޭޓާ ކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވެފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ރާއްޖެއަށް ތެލުގެ ދަތިކަން ކުރިމަތިނުވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މިހާރު ރާއްޖޭގައި ރައްކާކުރެވޭނެ އެންމެ ބޮޑަށް ތެޔޮރައްކާކުރެވިފައިވާކަމަށާއި، އިތުރަށް ތެޔޮހޯދުމުގެ މަސައަކަތް ކުރަމުން އަންނަ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

