މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު، ވަކި މުއްދަތެއް ނެތި ހުޅުވާލަން ނިންމަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ކުރަންޖެހޭ ކަންކަންވެސް ކުރިއަށް ދާކަމަށާ، ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މި އަހަރުން ފެށިގެން ލޯނު ސްކީމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިފަހަރު ލޯނަށް ހުޅުވާލާއިރު އެޕްލިކޭޝަންގެ ވަކި މުއްދަތެއް ނުވަތަ ޑެޑްލައިނެއް ނުބާއްވާ މުޅި އަހަރު ލޯނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވަކި މުއްދަތެއް ކަނޑައަޅާފައި އޮތުމުން އެ މުއްދަތުގެ ތެރޭގައި ލޯނަށް އެދުމަށް ދަރިވަރުންނަށް ދަތިވާ ގޮތް ދިމާވެ، އެ ފުރުސަތު ގެއްލިފައިވާކަމަށެވެ.

އަދި މި ބަދަލާއެކު އެފަދަ ކަންކަން ކުރިމަތި ނުވާނެ ކަމަށާއި، އަދި ލޯނަށް އެދި ހުށަހެޅުމަށް ދަރިވަރުންނަށް ފަސޭހަ ވެގެންދާނެ ކަމަށާއި، ދަރިވަރުން ލޯނު ހޯދަން އެދޭއިރު ހުށަހަޅަންވާ ލިޔުންތައްވެސް ތަފާތުވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ ކުރިއަށް އޮތް ބަންދު ދުވަސްތަކަށްފަހު ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި ފުރިހަމަ އެޕްލިކޭޝަނެއް ހުށަހަޅާ ދަރިވަރުންނަށް އެހެން އަހަރުތަކާއި އަޅާބަލާއިރު ލޯނު ހަމަޖެހިގެންދާ ގޮތް ވަރަށް ބޮޑަށް އަވަސް ވެގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ލޯނަށް އެދެން ބޭނުންވާ ދަރިވަރުން ދުރާލާ ލިޔުންތައް ފުރިހަމަކޮށް ތައްޔާރުވުމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސްޓޫޑެންޓް ލޯނުގެ ފައިސާ އަނބުރާ ދައްކާއިރު އެއްވެސް އިތުރު ސަރވިސް ޗާޖެއް ނުނަގާގޮތަށް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.