ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތް، މި މަހުގެ ތެރޭގައި ފެށުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ޓެކްސީ ލައިންގައި ބޭނުންކުރާނީ ތިން މޮޑެލެއްގެ ކާރުތަކެއް ކަމަށާއި އޭގެ ތެރެއިން އެއް މޮޑެލްގެ ކާރުތައް ގެންނަނީ ތައިލެންޑުން ކަމަށްވާއިރު އަނެއް ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާއިން ކަމަށެވެ.
އަދި ކާރުތައް ރާއްޖެ ގެންނާނީ ދެ ބެޗަކަށް ބަހާލައިގެން ކަމަށް އަމީން ވިދާޅުވިއެވެ.
އޭގެ ތެރެއިން އެއް ބެޗުގެ ކާރުތައް މިއަދު ލަންކާ ޕޯޓަށް ވަންނާނެ ކަމަށާ އެ ބެޗުގެ ކާރުތައް މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި އަނެއް ބެޗުގެ ކާރުތައް ގެނެވޭނެ ތާރީޚެއް އަންނަ ހުކުރު ދުވަހު ޔަގީންކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ހިދުމަތް އިފްތިތާހުކޮށް ލިމިޑެޓް ހިދުމަތްތަކެއް މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެމްޓީސީސީގެ އަމާޒަކީ އީދަށް ހިދުމަތް އިފްތިތާހު ކުރުން ކަމަށެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ.
އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.

