ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ މި ސިޔާސަތުގެ ދަށުން، އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭގޮތް ހަދާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ދެމަފިރިން ކުރެ އެއްވެސް މީހެއްގެ ބޯހިޔާވަހިކަން އޮތްނަމަ ގޯއްޗަށް ކުރިމަތި ނުލެވޭ ކަމަށާއި، ނަމަވެސް އެ އުސޫލު ބަދަލުކޮށް ”ގޯތި ގެދޮރު“ގެ ނަމުގައި އާ ސްކީމެއް ހުޅުވާލާފައިވާކަމަށެވެ. ހުޅުވާލާ އެ ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަން އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި މި ބަދަލު ގެނައީ ފުލެޓަށްވުރެ ގޯއްޗަށް އޮތް ތަރުހީބު ކުޑަ ވުމާއި އެކުގައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު މިހާރު ވަނީ މި ސްކީމްގެ ދަށުން ގޯއްޗަށް އެދެވޭނެ ގޮތުގެ އުސޫލު ކަނޑައަޅައި އިއުލާން ކޮށްފައެވެ.
އަދި މި ސްކީމްގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންކަމަށްވެސް މިނިސްޓަރު.ވަނީ ފާހަގަކުރައްވާފައެވެ.
އެ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލު ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސްކީމްގެ ދަށުން ދެމެފިރިން ކުރެ އެއްވެސް މީހެއްގެ ފުލެޓެއް އޮތްނަމަ ކުރިއަށް އޮތްތާނގައި ގޯއްޗެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދާނެކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާއިލާގެ މީހަކާއެކު ”ޖޮއިންޓް“ ވެގެން ބޯހިޔާވަހިކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުން އާއިލީ އެކި މައްސަލަތަކާއި ހުރެ އެ ފޯމްތައް ވަކި ވަކިން ހުށަހެޅޭނެގޮތް ހެދުމަށް އެދޭ ކަމާއި އެހެންކަމުން އާއިލާގެ މީހަކާއި އެކު ފޯމްލާފައި ތިބި ފަރާތްތަކުން ވަކިވާން ބޭނުންނަމަ އެ ފުރުސަތު އޮންނަ ގޮތަށް އުސޫލު އެކުލަވާލާފައިވާކަމަށެވެ.
އަދި މި ގޮތަށް އުސޫލު އެކުލަވާލީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިލިބިފައިހުރި ފަރާތްތަކަށް ދިމާވެފައިވާ އިޖްތިމާއީ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް މިހާތަނަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކި މަރުހަލާތަކުގައިއާއި މިހާތަނަށް ހުށަހަޅާފައިވާ ފޯމުތައް ހިމެނޭހެން ޖުމްލަ 18،399 އެޕްލިކޭޝަނެއް އޮތް ކަމަށާއި އަދި މި ސްކީމަށް 20،000 ފޯމް ހުށަހަޅާނެ ކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު ފުރުސަތު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުގައި ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަހައްދުންނާއި ރަސްމާލެ އިންނެވެ.
އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފަވަނީ ރަސްމާލެއިންނެވެ.
މި އުސޫލުގެ ދަށުން 7،900 ފްލެޓް ދޫކުރެއެވެ. އެއީ މާލެއާއި ވިލިމާލެ ހިމެނޭހެންނެވެ.
ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

