ސީރިއާގެ ދެ ސަރަހައްދެއްގައި، ހަނގުރާމައަށް ގޮސް ތިބި ފަސްދޮޅަސް ދިވެއްސަކު ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ހަނގުރާމަތަކަށް ގޮސް، ތުރުކީގައި ތިބި ދިވެހީން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން އިތުރު ދެ ދިވެއްސަކު ރާއްޖެ ގެނެސް، ނެޝަނަލް ރީ-އިންޓަގްރޭޝަން ސެންޓަރާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ހަނގުރާމަތަކަށް ގޮސްފައިވާ ދިވެހީންނާއި އެ މީހުންގެ އާއިލާތައް ރާއްޖެ ގެނައުމަށް ކުރެވުނު މަސައްކަތުން މިހާތަނަށް 23 މީހަކު ފަރުވާއަށްފަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހަނގުރާމައަށް ގޮސް ތުރުކީގައި ތާށިވެފައި ތިން ދިވެހިން ތިބި ކަމުގެ މައުލޫމާތު އެ ގައުމުން ދީފައިވާ ކަމަށެވެ.

އެގޮތުން 14 އަހަރުގެ އަންހެން ކުއްޖަކާއި އަދި އެ ކުއްޖާގެ މަންމަ މިހާރު ވަނީ ރާއްޖެ ގެނެވި ނެޝަނަލް އިންޓަގްރޭޝަން ސެންޓަރުގައި އެ ފަރާތްތަކަށް ދޭން ޖެހޭ ހިދުމަތްތައް ދަނީ ދެމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.