އީ ވިސާގެ ހިދުމަތް 63،000 ފަރާތަކަށް ދީފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ހިދުމަތް ފުޅާ ކުރުމަށް ނުވަތަ ކައުންޓަރުތަކާއި ހަމަޔަށް ނައިސް އިމިގްރޭޝަންގެ ހިދުމަތް ޑިޖިޓައިޒްކުރުމަށް ފާއިތުވި ދުވަސްތަކުގައި ބުރަ މަސައްކަތް ތަކެއް ކުރެވިފައިވަކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ނޮވެމްބަރު މަހު ތައާރަފު ކުރި އީ ވިސާގެ ހިދުމަތް 63000 މީހަކަށް ފޯރުކޮށްދެވިފައިވާކަމަށެވެ.
އެއީ ދިވެހިރާއްޖޭގައި އުޅެމުން ދިޔަ މީހުންނާއި، އަދި ރާއްޖޭގައި އުޅެމުން އައިސް ވިސާ އާކުރަން ޖެހުނު ފަރާތްތަކުގެ އިތުރުން އަލަށް ރާއްޖެ އައި މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިންނަމަ މި 63،000 މީހުން ހިދުމަތް ހޯދަން އަންނަން ޖެހޭނީ އިމިގްރޭޝަންގެ ކައުންޓަރަށް ކަމަށާއި، މި ޕާސްޕޯޓާ ހަވާލުވާންވެސް އަންނަންޖެހޭނީ ކައުންޓަރަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި އެ ހުރިހާ ފަރާތްތަކުންވެސް މިހާރު ހިދުމަތް ހޯދީ އިމިގްރޭޝަނަށް ނައިސް ގޭގައި ތިބެގެން ފަސޭހަ ކަމާއި އެކުގައިކަމަށް މިނިސްޓަރު ވިދާޅުވެއެވެ.
އަދި ހއ އިން ފެށިގެން އައްޑޫ އަތޮޅާ ދެމެދު މަސައްކަތްކުރާ ސައިޓްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ތިބޭ ކަމަށާއި، އެ ފަރާތްތަކުން މީގެ ކުރީގައި ވިސާ ޖައްސަންޖެހެނީ ޕާސްޕޯޓް މާލެ ގެނެސް، އަދި އިމިގްރޭޝަންގެ އޮފީސްތަކަށް ޕާސްޕޯޓް ގެނެސްގެން ކަމަށް ނަމަވެސް އީ ޕާސްޕޯޓާއެކު އެމަސައްކަތް ނިމުމަކަށް އައިސްފައިވާކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އަދި މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެންގެވުންތައް ތަންފީޒުކުރުމުގެ ނަތީޖާކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި އީ ގޭޓް ހަރުކުރެވިފައިވާކަމަށާއި، އޭގެ ސަބަބުން ރާއްޖެއިން ފުރާ ދިވެހިންނާއި އަދި ރާއްޖެއަށް އަންނަ ދިވެހިންނަށް އީ ގޭޓް ބޭނުންކޮށްގެން ކްލިއަރެންސް ހެދުމުގެ ކަންތައްތައް މިހާރު ކުރިއަށްދާކަމަށެވެ.
އެ ކަމަކީ ”ޓޯޓަލް ސީމްލެސް ޓްރެވަލް އެކްސްޕީއަސް“ އަކަށް ބަދަލުކުރުމަށްޓަކައި ކުރަމުން އަންނަ ކަމެއް ކަމަށާއި އަދި މި އަހަރުގެ އެޕްރީލްގެ ނިޔަލަށް މި ސިސްޓަމް އެއްކޮށްނިމި ފަތުރުވެރިންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ހަދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން މިހާރު އެއާރޕޯޓް އެރައިވަލް ހޯލްގަ 10 އީގޭޓާއ ޑިޕާރޗާރ ހޯލްގައި 10 އީގޭޓް ހަރުކުރެވި އޭގެ ހާޑްވެޔާގެ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ސޮފްޓްވެއާރގެ މަސައްކަތްތައްކަމަށެވެ.
އަދި މި މަސައްކަތް އެއްކޮށްނިމި މި އަހަރުގެ އޭޕްރީލް މަހުގައި ފަށާނެ ކަމަށާއި، އެއާއެކު ރާއްޖެއަށް ވަންނަ ކޮންމެ ފަތުރުވެރިއަކީވެސް ”ސީމްލެސް“ އެކްސްޕީރިއަންސްއެއް ލިބިގެން ވަދެނިކުމެވޭ ފަތުރުވެރިއަކަށްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

