ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު މާފަންނު ދެކުނުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ހަރަކާތުގެ ތެރެއިން މިއަދު މާފަންނު ދެކުނު ދާއިރާއަށް ރައީސް ވަޑައިގެންފައިވާއިރު މީގެ ކުރިންވަނީ މައްޗަށްގޮޅި މެދު ،މައްޗަށްގޮޅީ ދެކޮނު، ހެންވޭރު ހުޅަނގު، ހެންވޭރު ދެކުނު ގަލޮޅު އުތުރުގެ އިތުރުން މާފަންނު މެދު ދާއިރާއަށްގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
މި ހަރަކާތުގައި ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މާލޭ ޕީއެންސީން މާލޭ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެފައިވެއެވެ.
ޕީއެންސީން އަންނަނީ ކުރިއަށް އޮތް އިންތިހާބަށް އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލޭ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ކެންޕެއިން ހަރަކާތްތައް ހިންގަމުންނެވެ.
މި ކެމްޕެއިން ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މި ކެމްޕެއިން ހަރަކާތްތަކުގައި ޕީއެންސީގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓްދޭންވީ ސަބަބުތައް ހާމަކުރެއެވެ.
އަދި ސަރުކާރަށް ތާއީދު ނުކުރާ ކައުންސިލެއް ހޮވައިފިނަމަ ރަށުގެ ތަރައްގީއަށް ދިމާވާނެ ގޮންޖެހުންތައްވެސް ރައްޔިތުންނަށް ހިއްސާކުރެއެވެ.
ޕީއެންސީއަށް ވަނީ އިންތިހާބަކާ ނުލައި، މިހާތަނަށް ފަސްދޮޅަސް ނުވަ ގޮނޑި ކަށަވަރުވެފައެވެ.

