ރ އަތޮޅު ”އުނގުލު“ އެ އަތޮޅު ”އުނގޫފާރު“ގެ ބައެއް ކަމުގައި އަދި ތިލަދުންމަތީ އުތުރުބުރީ ”ކަނޑާލިފިނޮޅު“ އެ އަތޮޅު ”ވަށަފަރު“ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރ އަތޮޅު ”އުނގުލު“ އެ އަތޮޅު ”އުނގޫފާރު“ ގެ ބައެއް ކަމުގައި ހަމަޖެއްސެވުމަކީ ރައީސް ގެ ވައުދެކެވެ. ”އުނގުލު“ ”އުނގޫފާރ“ގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމުގެ މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ފާއިތުވި އަހަރުގެ މާރޗް މަހު އެރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މީގެކުރިން އުނގޫފާރު ރައްޔިތުން ވަނީ އެ ރަށުގައި ސިނާޢީ އެކި މަސައްކަތްތައް ކުރުމަށް ޓަކައި ފަޅު ރަށެއް ބޭނުންވާ ކަމަށް ރައީސް އަރިހުގައި ދަންނަވާފައެވެ.
އަދި ތިލަދުންމަތީ އުތުރުބުރީ ”ކަނޑާލިފިނޮޅު“ އެ އަތޮޅު ”ވަށަފަރު“ ގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ ހއ. ވަށަފަރު ރައްޔިތުންގެ އެދުމުގެ މަތިންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ގަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.

