އައްޑޫ ސިޓީ ތަރައްގީ ނުކުރެވޭ ވާހަކަ ދައްކަން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ލަދު ގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ އައްޑޫ ސިޓީގެ ”ގްރޭޓަރ މާލެ ޖަގަހަ“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އައިބީ ވިދާޅުވީ މާލެ ފިޔަވައި، އެންމެ ފުރަތަމަ ސިޓީއެއްގެ ދަރަޖަ ލިބިގެންދިޔަ އަތޮޅަކީ އައްޑޫ ކަމަށެވެ. އެހެންނަމަވެސް، އައްޑޫ ސިޓީއަށް ވުރެ ފަހުން ސިޓީއެއްގެ ދަރަޖަ ލިބުނު އެހެން ރަށްތައް ތަރައްގީ ވެގެން ދިޔަ މަންޒަރު ފެނިގެންދިޔަ ކަމަށާއި، އެއީ އެ ސިޓީގެ ކައުންސިލުގެ މެމްބަރުންނާއި މޭޔަރުގެ ނާގާބިލުކަމުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.
އިދިކޮޅު އެމްޑީޕީގެ ކައުންސިލެއް އޮވެގެން އައްޑޫއަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ވެސް އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި މޭޔަރުގެ ގޮތުގައި ހުންނެވި ނިޒާރު، އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވާން ލަދު ގަންނަން ޖެހޭ ކަމަށެވެ.
”އަޅުގަނޑުމެންގެ ކުރީގަ، މޭޔަރު ނިޒާރަށް ފަސް އަހަރު ލިބިގެން، އެ ބޭފުޅާގެ މޭޔަރު ކަމުގައި ކީއްވެގެންތޯ އައްޑޫ ސިޓީއަށް ތަރައްގީ ނުގެނެވުނީ؟“ އައިބީ ސުވާލު ކުރެއްވިއެވެ.
މޭޔަރު ނިޒާރަށް ސިޓީ ކައުންސިލުގެ މަސައްކަތަށް 480 މުވައްޒަފުން ލިބުނުއިރު ވެސް ކަމެއް ހާސިލު ނުވާ ކަމަށާއި، ބޭރު ގައުމުތަކަށް ތަޖުރިބާ ހޯދަން ދިޔައިރު ވެސް ވީ ކަމެއް ނެތް ކަމަށް ވެސް އައިބީ ވިދާޅުވިއެވެ.
އައްޑޫގެ މޭޔަރު ކަމަށް ވާދަ ކުރައްވަވާ ޕީއެންސީ ކެންޑިޑޭޓް މުޝްރިފްގެ ތަސައްވުރެއް އެބައޮތް ކަމަށާއި، އެއީ ”ގްރޭޓަރ އައްޑޫ“ކަން ފާހަގަކުރައްވައި އައިބީ ވިދާޅުވީ ތަރައްގީ ގެނައުމަށްޓަކައި، ޕީއެންސީއަށް އައްޑޫގެ މެޖޯރިޓީން ދޭން ޖެހޭ ކަަމަށެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ގައުމާ ހަވާލުވެވަޑައިގަތީ ގައުމުގެ ހާލަތު ދެނެވަޑައިގެން ކަމަށާއި، އެމަނިކުފާނު ރާއްޖެ ތަރައްގީ ކުރައްވަމުން ގެންދަވަނީ ދަރަނި ނުނަގައި، ފައިސާ ވެސް ޗާޕު ނުކޮށް ކަމަށް ވެސް އައިބީ ވިދާޅުވިއެވެ.
އޭނާގެ ވާހަކައިގައި ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް މާލޭގައި ހުޅުވިގެން ދިޔަ އައްޑޫ ސިޓީގެ ޖަގަހަ އަކީ، މިހާތަނަށް މާލޭގައި ހުޅުވިގެން ދިޔަ އެންމެ ފެންވަރު ރަނގަޅު ޖަގަހަ ކަމަށެވެ. އަދި ޖަގަހަ ހުޅުއްވައިދެއްވުމަށް، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަޑައިގެންނެވިކަން ފާހަގަކުރައްވަވައި، އެކަމަނާއަށް އައިބީ ޝުކުރު އަދާ ކުރެއްވެވިއެވެ.

