އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކުން ކެންޑިޑޭޓުން ނެރެ މަގުމައްޗަށް ދޫކޮށްލާފައިވާކަމަށް ޕީއެންސީގެ ޑެޕިއުޓީ ލީޑަރު އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އިންތިހާބަށް ތައްޔާރު ވުމުގެގޮތުން އައްޑޫ ސިޓީ މާލެ އޭރިއާގެ ޕީއެންސީގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މީގެ ކުރިން އައްޑޫ ރައްޔިތުން ވަރަށް ބޮޑު އުއްމީދުތަކާއި އެކު އެމްޑީޕީއަށް ވޯޓު ދިންކަމަށެވެ.

އަދި އެންމެ ފަހުން ނެގި އިންތިހާބުން ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރު ގެއްލިފައިވާކަން ބުނެދޭކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީން މިއަދު ކަންކަން އޮޅުވާލާކަމަށާއި، އަދި ލާމަރުކަޒީ ނިޒާމަކީ އެމީހުންގެ އެއްޗެއް ކަމަށްބުނެ އެމްޑީޕީން ވަކާލާތު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ނިޒާމް މަގުމަތިކުރީ އެމްޑީޕީން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޑީޕީން ކެންޑިޑޭޓުން ނެރެ މަގުމަށްޗަށް ދޫކޮށްލާފާއިވަކަމަށެވެ.

އެމްޑީޕީން ކެންޑިޑޭޓަކަށް ބަލާނުލާ ކަމަށާއި، ކެންޑިޑޭޓަށް ގުޅާނުލާ އިރު ކެންމެޕެއިން ދަނީ ކިހިނެއްތޯވެސް ބަލާނުލާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އެ ޕާޓީން މިހާރުއްސުރެ ކުރާކަމަކީ ރިޔާސީ އިންތިހާބަށް މަސައްކަތް ކުރުންކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، އެމްޑީޕީން ރަނގަޅުކަމެއް ކޮށްފާނެ ކަމަށް އުއްމީދުކުރާ މަދު ބަޔަކު އެބަތިބި ކަމަށެވެ. ނަމަވެސް މިއަދު ވެސް އެޕާޓީން ކުރަމުންދާ ކަމަކީ ދެ އިންތިޚާބު އެކީގައި ބާއްވަން ފެނޭތޯ ނަގާ ވޯޓު ހުއްޓުވުމަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދެ އިންތިހާބު އެކީގައި ބޭއްވުމަށް ރައީސް ބޭނުންފުޅުވަނީ ގިނަ ސަބަބުތަކާއި ހުރެ ކަމަށާއި، އަދި އެކަން އެގޮތަށް ނުނިންމަވައި، ޑިމޮކްރޮސީގެ ރީތި އާދައިގެ ތެރެއިން ރައީސް ނިންމެވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެންގެވުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް މަސައްކަތް ކުރައްވަނީ ސަރުކާރަށް ފެންނަ ގޮތަކީ ރަނގަޅުގޮތެއްތޯ ރައްޔިތުންގެ ކައިރިން އައްސަވަން ކަމަށާއި، ޑިމޮކްރަސީގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދަން މަސައްކަތް ކުރުންވެސް އެމްޑީޕީއަށް ކަމުނުދިޔަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަން ހުއްޓުވުމަށްޓަކައި އެމްޑީޕީން ކޯޓަށްވެސް ގޮސްފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ދެ  އިންތިހާބު އެކުގައި ބާއްވައިގެން އިންތިހާބީ ހައްގެއް އުނި ނުވާކަމަށެވެ.