ހޮޓްޑޯގްގެ އެކި ބާވަތްތަކީކީ ދިވެހިންގެ މެދުގައި މަގްބޫލު އެއްޗެކެވެ. ހާއްސަކޮށް ކުދިންނަށް ވަރަށް ކަމުދާ އެއްޗެކެވެ. ހޮޓްޑޯގް އެކި ވައްތަރަށް ތައްޔާރުކުރެއެވެ. ބިހާ، ސޮސެޖް އަދި ސޭންޑްވިޗް މަސްގަނޑުގައި ވެސް ތައްޔާރުކުރެއެވެ. އެހެނަސް މިއަދު ތައްޔާރު މިކޮށްލަނީ ބާބަކިއު ހޮޓްޑޯގެވެ.

ބޭނުންވާނެ ތަކެތި

10 ސޮސެޖް
10 ހޮޓްޑޮގް ބަންސް
ބާބަކިއު ސޯސް
ސްލައިސްޑް ޗީޒް

މޮޒްރެއްލާ
ރަތްކޮށްފައި ހުރި ފިޔާގަނޑު
މަޔޮނައިސް

ފިޔާގަނޑު ތައްޔާރު ކޮށްލަން ބޭނުންވާނެ ތަކެތި

4 ފިޔާ ކޮށާލާފައި

2 ސައިސަމްސާ ބަޓަރ

3 ސައި ސަމްސާ ފެން

1 ސައިސަމްސާ ހަކުރު

ރަހަލާވަރަށް ލޮނުކޮޅެއް

ފިޔާގަނޑު ތައްޔާރުކުރާނެ ގޮތް

މަޑު ގިނީގައި ބަޓަރާއި ފިޔާ އެކެއް ނުވަތަ 2 މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު އޭގައި މައްޗެއްޖަހާ ބަންދުކުރުމަށްފަހު މިނެޓެއް ވަންދެން ކައްކާލާށެވެ.

އެއަށްފަހު މަތިގަނޑު ނަގާ އެއަށް ހަކުރުކޮޅާއި،ފެން  އަދި ލޮނު އަޅާލުމަށްފަހު މަތިޖަހައިގެން 2 ނުވަތަ 3 މިނެޓްވަންދެން ކައްކާލުމުން ފިޔާގަނޑު ތައްޔާރުކުރެވުނީއެވެ.

ހޮޓްޑޯގް ތައްޔާރުކޮށްލާނެގޮތް

އެންމެ ފުރަތަމަ ތެޔޮ ފޮދެއް ތަވަޔަކަށްލުމަށްފަހު ސޮސެޖްތައް މެދުން ފަޅިކޮށްލާ ކުޑަކޮށް ފްރައި ކޮށްލާށެވެ. އެއަށްފަހު ބަނަސް ވެސް އެގޮތަށް  ފްރައިކޮށްލުމަށްފަހު މެދުގައި ބާބަބަކިއު ސޯސް ހާކާލާށެވެ. ދެން އޭގެ މަތީގައި ޗީޒް ފޮތި ދެ ފަޅި ކޮށްލުމަށްފަހު ބާއްވާށެވެ. އޭގެ މަތީގައިވެސް ސޯސް ހޭކުމަށްފަހު ސޮސެޖް މައްޗަށް އަޅާ ސޯސް ކޮޅު ހާކާލާށެވެ. ދެން އޭގެ މައްޗަށް މޮޒެރެއްލާ ޗީސް ގާނާލުމަށް އަޅާ އަވަނުން ކުޑަކޮށް ފިހެލާށެވެ. ޗީޒްކޮޅު ދިޔާވުމުން ހޮޓްޑޯގް އެތި އަވަނުން ނަގާ އޭގެ މައްޗަށް މަޔޮނައިސް އެޅުމަށްފަހު ތައްޔާރުކޮށްލި ފިޔާވެސް އޭގެ މައްޗަށް އަޅާލާށެވެ. އެރުން އެހެރީ ބާބަކިއު ހޮޓްޑޯގް ތައްޔާރުކުރެވިފައެވެ.