އިސްލާމިކް މިނިސްޓްރީގެ ހާއްސަ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ފުރާވަޑައިގެންފިއެވެ.
ރޭގެ ވަގުތެއްގައި މުފްތީ މެންކު ވަޑައިގެންނެވިއިރު، އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒާހިރު ޢަލީއާއި އާއި މެންކު ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީން ދެއްވި ދައުވަތު ގަބޫލުކުރައްވާ ރާއްޖެއަށް ވަޑައިގެން މާލެއާއި އަތޮޅުތެރޭގައިވެސް ދީނީ ތަޤްރީރުތައް ދެއްވިކަމަށްޓަކައި އުފާކުރައްވާ ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުފްތީ މެންކް ދަރުސްދެއްވި މައުޟޫޢުތަކަކީ ރާއްޖެއަށް ވަރަށް މުހިއްމު މައުޟޫތަކެއް ކަމަށާއި މުފްތީ މެންކަކީ ދިވެހިންގެ ނުހަނު ލޯތްބާއި އިޚްތިރާމް ލިބިލައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މުފްތީ މެންކުގެ މިފަހަރުގެ ދަރުސްތަކުންވެސް ދިވެހިންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މާ ދުރު ނޫން މުސްތަޤުބަލެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާނެ ކަމަށް މިނިސްޓަރ މި ބައްދަލުވުމުގައި ވިދާޅުވިއެވެ.
މެންކުގެ ވާހަކަފުޅުގައި ރާއްޖެ އައުމަށް ދައުވަތު ދެއްވީތީ ވަރަށް އުފާ ކުރައްވާ ކަމަށާއި އަދި ރާއްޖެ އައުމުން ބެހެއްޓެވި ގާތްކަމާއި މެޙްމާންދާރީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ކުރައްވާ މަސައްކަތަށްޓަކައި ޝުކުރުއަދާކުރައްވާ އެމަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.
މުފްތީ މެންކްގެ މި ދަތުރުފުޅުގައި ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއާއި ގްރޭޓަރ މާލެ ސަރަހައްދުގައި ވަނީ ތަފާތު މައުޟޫޢުތަކަށް ދަރުސް ދެއްވާފައެވެ. މިއިން ކޮންމެ ދަރުހަކަށްވެސް އެތައް ބަޔަކު ހާޒިރުވި އިރު ރޭޑިއޯއާއި ޓީވީ އަދި އޮންލައިންކޮށްވެސް މި ދަރުސްތަކަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.