ކުރުނބާ ފެނަކީ އަކީ އޭގެއިން ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ.
އަދި ހޫނު ދުވަސްވަރު ކުރުނބާގެ މަގުބޫލުކަން ވަރަށް ބޮޑެވެ. ކުރުނބާ ފަނި ހަދައިގެން ބުއިމަށްވުރެ ކުރުނބާ އެންމެ ރަނގަޅީ އޭގެ ޒާތުގައި ބުއިމެވެ.
ކުރުނބާ ފެނުގެ މަގުބޫލުކަމާއި އެކު އޭގައި ހިމެނޭ ސިއްހީ ފައިދާތައްވެސް އެނގުން މުހިންމެވެ. ކުރުނބާ ފެނަކީ އެއްވެސް ކެމިކަލެއް ނެތް، ސިއްހަތަށް ފައިދާހުރި، އަދި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އެކުލެވިގެންވާ ގުދުރަތީ ހަދިޔާއެކެވެ.
ގުދުރަތީ އިލެކްޓްރަލައިޓެއް:
އިލެކްޓްރަލައިޓަކީ އިންސާނާގެ ހަށިގަނޑުގައި ފެނާއި ލޮނުގެ މިންވަރު ހަމަހަމަކޮށްދީ، ނާރުތަކާއި މަސްތަކުގެ މަސައްކަތްތައް ފުރިހަމައަށް ބެލެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު މައުދަނުތަކެވެ. މީގެ ތެރޭގައި ސޯޑިއަމް، ޕޮޓޭސިއަމް، މެގްނީޒިއަމް އަދި ކެލްސިއަމް ފަދަ ހަށިގަނޑަށް ފައިދާހުރި މާއްދާތައް ހިމެނެއެވެ. ކުރުބާފެނުން ހަށިގަނޑަށް މި މާއްދާތައް ފުރިހަމަޔަށް ލިބެއެވެ.
ހަށިގަނޑުގެ ފެން މަދުވެ ( ޑީހައިޑްރޭޓް) ވުމުން ދުރުކޮށްދޭ:
ކުރުނބާ ފެން ގިނައިން ބޯނަމަ އޭގެ ސަބަބުން ހަށިގަނޑު ތާޒާކަން އިތުރުކޮށްދެއެވެ. އަދި ފެންމަދުވެ ވަރުބަލިވުމުން ދުރުކޮށްދެއެވެ.
ދިވެހިރާއްޖެ ފަދަ ހޫނު ގައުމުތަކުގައި ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހިފަހައްޓައި، ހަށިގަނޑު ފިނިކޮށް ބެހެއްޓުމަށް ކުރުނބާ ފެނަކީ އެންމެ ފުރިހަމަ އެއް ބުއިމެވެ.
ހަޖަމުކުރުމަށް އެހީތެރިވުން:
ކުރުނބާ ފެނަކީ ހަޖަމުކުރުމުގެ ނިޒާމަށް ލުއި، އަދި ބަނޑުގެ އެކި މައްސަލަތަކަށް ލުއިކަން ގެނެސްދޭ ބުއިމެކެވެ. ކުރުނބާ ފެނަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ބުއިމެކެވެ. މީގެ ސަބަބުން ހަށިގަނޑަށް ކާތަކެތި ހަޖަމުކުރުމުގައި ފަސޭހަވެގެންދެއެވެ. ކުރުނބާ އާންމުކޮށް ބޯނަމަ ގޭހުގެ އުނދަގުލާއި، ބަނޑުހަރުވުމުގެ މައްސަލަ ކުރިމަތިވުން ދުރުކޮށްދެއެވެ.
ހިތުގެ މައްސަލަތަކަށް ހައްލެއް:
ކުރުނބާ ފެނުގައި ހިމެނޭ ޕޮޓޭޝިއަމް މާއްދާ ހަށިގަނޑުގެ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެއެވެ. ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓިއްޖެނަމަ އޭގެ ސަބަބުން ހިތުގެ ސިއްހަތު ރަނގަޅުވެ ،ހިތް ރަނގަޅަށް މަސައްކަތްކުރުމަށް އެހީތެރިވެދެއެވެ.
ކަސްރަތުކުރާ މީހުންނަށް އެހީއެއް:
އާންމުކޮށް ކަސްރަތު ކުރާ މީހުންގެ ހަށިގަނޑުން ކަސްރަތުކޮށް ނިމޭއިރު ދަލުގެ ޒަރިއްޔާއިން ގިނަ އަދަދެއްގެ ފެންބޭރުވެއެވެ.
ކަސްރަތުކޮށް ނިމިގެން ކުރުނބާ ފެން ބޯނަމަ ހަށިގަނޑުން ބޭރުވި ފެން އަނބުރާ ހަށިގަނޑަށް ލިބިދިނުމަށް އެހީތެރިވެދެއެވެ.
ހަންގަނޑަށް ފަރުވާއެއް:
ކުރުނބާ ފެނުގެ ސަބަބުން ހަށިގަނޑު ތާޒާކަންމަތީ ދެމިހުރުމަށް އެހީތެރިވެއެވެ. މީގެ ސަބަބުން ހަންގަނޑު ރީތިވެ އޮމާންވެގެންދެއެވެ. އަދި ކުރުނބާ ފެން ގިނައިން ބޯނަމަ ބިހިނެގުމާއި ހަނގަނޑުގައި ހުންނަ ކުރަކިކަން ދުރުކޮށްދެއެވެ.
ކެލޮރީސް އާއި ސަރުބީ މަދު ބުއިމެއް:
ކުރުނބާއަކީ އޭގެ ޒާތުގައި ހަކުރާއި ސަރުބި އަދި ކެލޮރީސްވެސް އެހެން ބުއިންތަކަށް ވުރެ މަދު ބުއިމެކެވެ. މީގެ ސަބަބުން ކުރުނބާފެން ސިއްހަތު ރަނގަޅު ބުއިއްމެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. ނަމަވެސް ހަކުރު ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުން ކުރުނބާ ފެން އެހާ ގިނައިން ބުއިމަކީ އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެފަދަ ފަރާތްތަކުން ކުރުނބާ ފެން ބޯންވާނީ ޑޮކްޓަރުގެ ލަފަޔާއި އެކުގައެވެ.

