ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ދެމީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ 21 އަހަރާއި 19 އަހަރުގެ ދެ ފިރިހެނުންނެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ ކަސްޓަމްސާއި ފުލުހުން ހިންގި އޮފަރޭޝަނެއްގައި މިމަހުގެ ތިންވަނަ ދުވަހުގައެވެ.
އާންމު އުސޫލުން އެމީހުންގެ ދަބަސްތައް ސްކްރީން ކުރުމުގެ ތެރޭގައި ފެނުނު މިތަކެތި ތަހުލީލު ކުރުމުން އެއީ ހަޝިޝް އޮއިލް ކަން ކަށަވަރުކުރެވިފައިވާކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
މިތަކެތީގެ ބަރުދަނުގައި 6.7 ކިލޯ ހުރި އިރު މިތަކެތީގެ މަގުމަތީ އަގު 5.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 6 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓުގައި ބޭއްވި ބަންދުގެ މަޖިލީހުގައި މި ދެ މީހުންވެސް ވަނީ އެ މީހުންގެ ދިފާއުގައި ގާނޫނީ ވަކީލަކު އައްޔަން ކުރަން ބޭނުންވާކަމަށް ބުނެފައިވެއެވެ.
މި ތަކެތި އެއާރޕޯޓުން އަތުލައިގަނެފައިވާއިރު ސަރުކާރުން އަންނަނީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުންނަށް އަމާޒުކޮށްގެން އަންނަނީ ވަރުގަދަ އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ. އަދި އެ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މީހުންނާއި އެކު މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

