ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ ”ކްލީން ޕްލޭޓް“ ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ރޭ މެންދަމު 02:20 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަޙައްދަށް ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ ކެފޭގެ ބަދިގޭގައި ރޯވެފައިވާ އަލިފާން ނިއްވާލެވުނީ ރޭ މެންދަމު 02:34 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގައި ބޭނުންކުރަމުން އައި ގޭސްފުޅީގައި ކަމަށާއި، ކެފޭގެ ބަދިގޭގެ އެކި ބައިތަކަށް އެކިވަރުގެ ގެއްލުން ވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.