ކަނބަލުންގެ ވިސްނުމާއި ފިކުރަކީ މުސްތަގުބަލް ބައްޓަން ކުރުމުގެ މައިގަނޑު އަސާސް ކަމުގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ފޮނުވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި އަންހެނުންގެ ހިތްވަރާއި، ޙިކުމަތްތެރިކަމާއި، އޯގާތެރިކަމުގެ އަގު ވަޒަންކޮށް އިޚްލާޞްތެރިކަމާއެކު އެކަން ފާހަގަކުރާ ކަމަށެވެ. އެގޮތުން އަންހެނުންނަކީ އާއިލާތައް ބާރުވެރި ކުރުވައި، މުޖުތަމަޢަށް މަގުދައްކައި، ޤައުމަށް އުއްމީދު ދިރުވައިދޭ މައިންނާއި، ދަރިންނާއި، އުޚުތުންގެ އިތުރުން ނަމޫނާ ލީޑަރުންތަކެއް ކަން ފާހަގަކުރައްވާ މިޑަމް ވިދާޅުވީ ކަނބަލުންގެ ވިސްނުމާއި ފިކުރަކީ، މުސްތަޤްބަލު ބައްޓަން ކުރުމުގެ މައިގަނޑު އަސާސް ކަމުގައެވެ.
ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށް އިންސާނީ ކަރާމާތާއި، ހަމަހަމަ ފުރުޞަތުތަކާއި، އިންޞާފު ކަށަވަރު ކޮށްދިނުމަށް އެންމެން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާ މެޑަމް ސާޖިދާ ވިދާޅުވީ އެންމެންގެ އަމާޒަކަށް ވާންވީ، އިންސާނާގެ ހުވަފެންތަކަކީ ވަކި ޖިންސަކަށް ވީތީ ހަނިކުރެވޭ އެއްޗަކަށް ހެދުމުގެ ބަދަލުގައި، އަދުލުވެރި ކަމާއި އިޙްތިރާމާއެކު އެ ހުވަފެންތަކުގައި ކުލަޖެއްސުމަށް މަގުފަހިވެފައިވާ މުޖުތަމަޢެއް ބިނާކުރުން ކަމަށެވެ.
އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އަންހެނުން ބާރުވެރިކުރުވާ އަންހެނުންނަށް ވަނީ ހަމަހަމަ ފުރުސަތުތަކެއް ފަހިކުރެވިފައިކަން ކަށަވަރުކުރުމަށް ސަރުކާރުން އަންނަނީ ބުރަމަސައްކަތްތަކެއް ކުރަމުންނެވެ. އަންހެންނުންގެ ހައްގުތައް ރައްކާތެރިކޮށް އަންހެނުންނަކީ މުޖުތަމައިގައި މުހިންމު ބައެއްކަން އެމީހުންނަށް އިހުސާސް ކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއެވެ،
