ހާއްސަ މަޖިލީހުން މީގެ ކުރިންވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ވޯޓަށް އަހާފައިވާކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެންސީ މައްޗަށް ގޯޅި ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނަގާ ”ފެންނަ ނުފެންނަ“ ވޯޓާއި ގުޅޭގޮތުން އެމްޑީޕީން ވާހަކަދައްކަމުންދަނީ އެއްވެސް ކަމެއް ހަނދާނެތިގެން ކަމަށް ހެދިގެން ކަމަށެވެ.

ގާނޫނު އަސާސީ އިސްލާހު ކޮށް ގާނޫނު އަސާސީ ތަސްދީގު ކުރި މަޖިލީހުގައި ހިމެނިވަޑައިގެންނެވި މެންބަރެއްގެ ހައިސިއްޔަތުން ނާޒިމް ވިދާޅުވީ ވޯޓްތައް ތަރުތީބުކުރެވޭނެ ގޮތާއި ބެހޭގޮތުން ހާއްސަ މަޖިލީހުގައިވެސް ބަހުސްކުރެވުނު ކަމަށާއި، އެގޮތުން ފެންނަ ނުފެންނަ ވޯޓަކުން ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށްފަހު އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުމުގައިވެސް އެބަހުސް ކުރެވިފައިވާކަން ނާޒިމް ވިދާޅުވިއެވެ.

އަދި ދެ އިންތިހާބު އެއްކޮށް ބޭއްވުމާއި ގުޅޭގޮތުން ހާއްސަ މަޖިލީހުގައި ހުށަހެޅުމެއް ހުށަހަޅާ އެ ހުށަހެޅުމަށް ތާއީދު ލިބި އެ ހުށަހެޅުމަށް ވޯޓަށް ވެސް އަނހާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

“ އެހެންވީމާ މީ ކުރެވިފަ ނެތް ބަހުސްއެއް ނޫން. ކުރެވިފަ ކުރިން ނިމިފަ އޮތް ބަހުސްއެއް. އޭރު ރައްޔިތުން ނިންމެވީ އެގޮތަށް“ ނާޒިމް ވިދާޅުވި.

އާ ގާނޫނު އަސާސީ ތަސްދީގު ކުރެވުމާއި އެކު  މިނިވަން މުއައްސަސާތަކެއް އުފަންވެ އެގޭ ތެރޭގައި މިނިވަން މުސްތަގިއްލު އިލެކްޝަން ކޮމިޝަނެއް ހަދަންޖެހި، އަދި އިންތިހާބާއި ބެހޭ އާގާނޫނު ތަކެއް ހަދާ އަދި އެގާނޫނު ގެ ދަށުން ހަދާ ގަވާއިދު ދަށުން އިންތިހާބީ ދާއިރާތައް ކަނޑައަޅަން ޖެހުނު ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. ދެ އިންތިހާބުގެ ބޭއްވާ ތާރީހު ފަރަގުވެގެން ދިޔައީ އެ ގާނޫނުތައް ފަރުމާކޮށް ފާސްކުރަން ވަގުތު ނެގުމުގެ ސަބަބުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

“ އެ ދެއިންތިހާބު އެއްކޮށް ނުބޭއްވުމަކީ އެއްގޮތަކަށްވެސް ގާނޫނު އަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއްނޫން. އޭރުގެ އެ ހާއްސަ މަޖިލީހުން ވީ އެންމެ އަވަހަކަށް އެ އިންތިހާބު ބާއްވާ ގޮތަށް އޮތީ “ ނާޒިމް ވިދާޅުވިއެވެ.

އަދި އެމްޑީޕީންގެ ވާހަކަ ތަކުން މިއީ ރާއްޖޭގައި ވެސް އަދި ދުނިޔޭގައި ވެސް އަލަށް ކުރަން އުޅޭ ކަމެއް ހެން ހީވާކަމަށާއި، އަދި ދެ އިންތިހާބު އެއްކޮށްލަނީ އޭ ބުނެ އެޕާޓީން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރި ކަމަށް ނާޒިމް ވިދާޅުވިއެވެ.