ދިވެހި ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގ(ގައުމީ ޚީދުމަތުގެ ޕްރޮގްރާމް)ގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީއިން ހުޅުވާލައިފިއެވެ.
އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ މިކަމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހަޅަންޖެހޭ އެންމެ ފަހު މުއްދަތަކީ އަންނަ މަހު 5 ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަދި 18 އަހަރު ނުފުރޭ ކުދިން މިޕްރޮގްރާމުގައި ބައިވެރިވެވޭނީ އެ ކުއްޖެއްގެ ޝަރުއީ ނުބަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ އަދި ރަނގަޅު ސިއްހަތެއްގައި ހުރެގެން ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް applyfor.mns@defence.gov.mv އަށް ހުށަހެޅޭނެކަމަށާއި، އަދި ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި އެމިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.
އަދި ތިންވަނަ ތަމްރީން ޕްރޮގްރާމްވެސް ކުރިއަށް ގެންދާނީ ތިންމަސް ދުވަހަށް ކަމަށާއި، މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ ފަހު ހަފްތާގައިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެހެން ތަމްރީން ޕްރޮގްރާމްތަކެކޭ އެއްފަދައިން މި ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ކަމުގައިވާ ޅ.މާފިލާފުށީގައިކަމަށާއި،
އަދި މިޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މިހިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދޭނެކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދަނީ، ޖިސްމާނީ، ރޫހަނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

