މުދަލު ޒަކާތަށް މިދިޔަ މަހުގެ ނިޔަލަށް 17.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު 6.05 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ މަހު ލިބުނީ 11.8 މިލިއަން ރުފިޔާއެވެ.
މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ އިތުރުވެފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައ ޖުންލަ 17.9 މިލިއަން ރުފިޔާ ލިބުނު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 11.2 މިލިއަން ރުފިޔާއެވެ.
ރާއްޖޭގައި މިހާރު މުދަލުގެ ޒަކާތް ދައްކާ މީހުން އިތުރުވަމުން އަންނަ އިރު، އެންމެ ފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު 21ގައެވެ. އެގޮތުން މުދަލުގެނިސާބަކީ 19،527.90ރ.އެވެ.
މުދަލު ޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

