ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސް ކުރެވި ގޮތް ނިންމާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބުރައީސް މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ނާޒިމް އޭނާގެއެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާއި، ގުޅޭގޮތުން ރައްޔިތޔންގެ ހާއްސަ މަޖިލީހުގައި ބަހުސްކުރެވިފައިވާކަމަށެވެ.
އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހަށް 3 ހުށަހެޅުމެއް ހުށައަޅާ އެކަމަށް ތާއީދު ލިބި އެ މަޖިލީހުން އެކަމަށް ގޮތެއް ނިންމާފައިވާކަމަށެވެ.
އަދި އެކަމާއި ގުޅޭގޮތުން ހާއްސަ މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ މާލޭގެ މެންބަރު އިބްރާހިމް އިސްމާއީލާއި، މާޅޮސް މަޑުލު އުތުރުބުރީ މެމްބަރު އަލީ ވަހީދާއި މާޅޮސް މަޑުލު އުތުރު ބުރީ މެންބަރު ޝާހިން ހަމީދުކަމަށް ނާޒިމް ވިދާޅުވިއެވެ.
ޕީއެންސީ މައްޗަށް ގޯޅި ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނަގާ ”ފެންނަ ނުފެންނަ“ ވޯޓާއި ގުޅޭގޮތުން އެމްޑީޕީން ވާހަކަދައްކަމުންދަނީ އެއްވެސް ކަމެއް ހަނދާނެތިގެން ކަމަށް ހެދިގެން ކަމަށެވެ.
އަދި ދެ އިންތިހާބު އެއްކޮށް ބޭއްވުމާއި ގުޅޭގޮތުން ހާއްސަ މަޖިލީހުގައި ހުށަހެޅުމެއް ހުށަހަޅާ އެ ހުށަހެޅުމަށް ތާއީދު ލިބި އެ ހުށަހެޅުމަށް ވޯޓަށް ވެސް އަނހާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
“ އެހެންވީމާ މީ ކުރެވިފަ ނެތް ބަހުސްއެއް ނޫން. ކުރެވިފަ ކުރިން ނިމިފަ އޮތް ބަހުސްއެއް. އޭރު ރައްޔިތުން ނިންމެވީ އެގޮތަށް“ ނާޒިމް ވިދާޅުވިއެވެ.
އާ ގާނޫނު އަސާސީ ތަސްދީގު ކުރެވުމާއި އެކު މިނިވަން މުއައްސަސާތަކެއް އުފަންވެ އެގޭ ތެރޭގައި މިނިވަން މުސްތަގިއްލު އިލެކްޝަން ކޮމިޝަނެއް ހަދަންޖެހި، އަދި އިންތިހާބާއި ބެހޭ އާގާނޫނު ތަކެއް ހަދާ އަދި އެގާނޫނު ގެ ދަށުން ހަދާ ގަވާއިދު ދަށުން އިންތިހާބީ ދާއިރާތައް ކަނޑައަޅަން ޖެހުނު ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. ދެ އިންތިހާބުގެ ބޭއްވާ ތާރީހު ފަރަގުވެގެން ދިޔައީ އެ ގާނޫނުތައް ފަރުމާކޮށް ފާސްކުރަން ވަގުތު ނެގުމުގެ ސަބަބުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

