މިއީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް އަންނާނެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް ރާއްޖޭގެ ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށާއި، މި ދުވަސްވަރު ވިލާ މަދުވެފައި، ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާ ކަމަށެވެ. އަދި ދުވާލުގެ ހޫނުމިން މަތިވެގެންދާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާވަރާ އަޅާބަލާއިރު ފަރަގު ކުޑަވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އޭޕްރީލް މަހަށް ލަފާކުރެވޭ ގޮތުން ވެސް އާންމު ގޮތެއްގައި ހުންނަވަރަށް ވުރެެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދައްކާ ކަމަށް ވެސް މެޓުން ބުނެއެވެ.

މެޓުގެ އާންމު ވައިބާ ގްރޫޕުގައި ކޮންމެ ދުވަހަކު 11:00 އާއި 14:00 އަދި 17:00 ގައި ރާއްޖޭގެ ފަސް މޫސުމާބެހޭ އޮފީހުން ނަގާ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާންމު ކުރާނެ ކަމަށާއި، ދުވަހުގެ ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރުފަހު 14:00 ހާއިރު ކަމަށް މެޓުން މައުލޫމާތު ދެއެވެ.