ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ކަމަށް މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދުގެ ޕާޓީ މޯލްޑިވްސް ނޭޝަނަލް އެލަޔަން ( އެމްޑީއޭ) އިން ބުނެފިއެވެ.

މިއަދު އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޯކަލް އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވަން އެ ޕާޓީން ފުރިހަމައަށް ތާއިދު ކުރާ ކަމަށާއި، މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތް ކުރާއިރު، ދިވެހި ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެ ޕާޓީން ދެކޭ ކަމަށް ބުނެފައިވެއެވެ.

ސިޔާމަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމަށާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައަޅުއްވުމަށް ވަކާލާތު ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވާ އެބަޔާނުގައި ބުނެފައިވަނީ، މަޖިލީސް މެންބަރެއްގެ ހައިސިއްޔަތުންނާއި، ރާއްޖޭގެ ފުންނާބު އުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން، އޭނާ އަބަދުވެސް އިސްކަން ދެއްވަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި އިޖްތިމާއީ ބަދަހިކަމަށް ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަރަދު ކުޑަ ކުރުމަށާއި، ދަރަނި މެނޭޖްކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް އިއުތިރާވާ ކަމަށް އެޕާޓިން ބުނެފައިވެއެވެ.

އަދި އެއީ އިގްތިސާދީ ދެމެހެއްޓުމަށާއި ގައުމުގެ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށްވާތީ، ސަރުކާރުން ނިންމެވި ނިންމެވުމަށް އެ ޕާޓީން ވަނީ މަރުހަބާ ކިޔާފައެވެ.

”ހަމައެއެކު، ހަރަދުތައް ކުޑަކޮށް، އިގްތިސާދު ވަރުގަދަކުރުމުގެ ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް މި ފުރުސަތުގައި ގޮވާލަމެވެ،“. އެމްޑީއޭގެ ބަޔާނުގައި ވެއެވެ.

މެންބަރު ސިޔާމްގެ ޕާޓީން 2 އިންތިހާބެއްގައި ބޭއްވުމަށް ތާއީދު ކޮށްފައިވާއިރު، މާމިގިލި ދާއިރާ މެންބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ އެކަމަށް ތާއީދުކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަން ޖެހޭކަމެއް ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ”ފެންނަ ނުފެންނަ“ ވޯޓެއް ނަގާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުކުރުމަށް ވޯޓްލާދުވަސް ކަމަށްވާ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގައެވެ.

ސަރުކާރުން ބުނަމުންދަނީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ  ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ފައިދާހުރި ގޮތްކަމަށެވެ.