އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، އީދު އުފާ ފާހަގަކުރުމުގެ ގޮތުން، ކުރީ އަަހަރުތަކެކޭ އެއްފަދައިން “އީދު ހަވީރު 1447“ ގައުމީ ފެންވަރުގައި ކުރިއަށް ގެންދާގޮތަށް ނިންމައިފިއެވެ.

މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި އީދު ދުވަހުން ފެށިގެން ތިން ދުވަހު “އީދު ހަވީރު 1447“ އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ”އީދު ހަވީރު 1447″ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތައް ފެށިގެންދާނީ ފިތުރު އީދު ދުވަހުގެ ހަވީރު 16:00 އިން 18:00އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައެވެ.

އީދު ހަވީރަށް އާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުހީބަށް ބަލާއިރު މިފަހަރު ”އީދު ހަވީރު 1447“ ތިން ދުވަހަށް ކުރިއަށްގެންދާއިރު، މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ.

އަދި މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި ”އީދު ހަވީރު 1447“ ގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުމާއެކު ސަލްޓަން ޕާކް ފިތުރު އީދު ދުވަހު ހުޅުވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި އީދު ހަދިޔާ ދިނުން ވެސް އޮންނާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެންނެވެ.

”އީދު ހަވީރު 1447“ ގައި އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އަހަރުގެ އީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.